މަސްޖިދުލް އަގްސާގެ ހުރުމަތް ކެނޑުމަށް ހިންގާ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފި

މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަގްސާގެ އިމުގެ ތެރެއަށް އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ވަދެ، އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ދިވެހި ސަރުކާރުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި އަމަލަކީ ބައިނަލްއަގްވާމީ ގާނޫނާއި، އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންގެންދާ ނޭދެވޭ އަމަލެއް ކަމަށެވެ.
އިސްރާއީލުން ކުރަމުން ގެންދާ ޣައިރު ގާނޫނީ އަމަލުތަކާއި، އިސްލާމީ މުގައްދަސް ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިސްރާއީލުން މަސްޖިދުލް އަގްސާއަށް އަރައިގަތުމާއި، އެ މިސްކިތުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް ހިންގަމުންދާތާ އަހަރުތަކެއް ވެފައިވާއިރު، މިފަދަ އަމަލުތަކާ ދެކޮޅަށް ގިނަ އިސްލާމީ ގައުމުތަކުން ވަނީ އަޑުއުފުލާފައެވެ.
ރިއެކްޓް



