އުތުރާއި މެދު ރާއްޖެތެރެއަށް ނެރުނު ހުދު ސަމާލު ދަންމާލައިފި

މެދުރާއްޖެ ތެރެއާއި އުތުރަށް ވިއްސާރަކޮށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ނެރުނު ހުދު ސަމާލު މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ތިންވަނަ ފަހަރަށް ދަންމާލައިފިއެވެ. މި ހުދު ސަމާލު ދަމަހައްޓާފައިވަނީ މިރޭ 7:45 އާ ހަމައަށެވެ.
މެޓް އޮފީހުގެ އެންމެ ފަހުގެ އެންގުމުގައި ބުނެފައިވާ ގޮތުގައި، މެންދުރު 1:45 އިން ފެށިގެން މިރޭ 7:45 އާ ހަމައަށް އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ އޮފީހުން ވަނީ އަންގާފައެވެ.
މިއަދު މިއީ މެޓް އޮފީހުން ހުދު ސަމާލު ނެރުނު ތިންވަނަ ފަހަރެވެ. އެގޮތުން، ފުރަތަމަ ހުދު ސަމާލު ނެރެފައިވަނީ ރޭ މެންދަމު 2:00 އިން ހެނދުނު 8:00 އަށެވެ. އަދި ދެވަނަ ފަހަރަށް ހެނދުނު 9:45 އިން މެންދުރު ފަހު 1:45 އަށް ވެސް ހުދު ސަމާލު ނެރެފައިވެއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން މަޢުލޫމާތު ދެއެވެ.
މި ދުވަސްވަރަކީ ކަނޑުގަދަ ދުވަސްވަރަކަށް ވުމާއެކު، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޓް



