އަލުން އަނބުރާ ގަބުޅި ކަތީބުން ލައިގެން ކުރިއަށް ދެވޭކަށް ނެތް: ފަޔާ

ލާމަރުކަޒީ ނިޒާމުގެ މުޅި ބޭނުމަކީ ޑިމޮކްރެޓިކް އުސޫލުން ރަށްރަށާ އަތޮޅުތަކާ ސިޓީތައް ހިންގުން ކަމަށާއި އަލުން އަނބުރާ ގަބުޅި ކަތީބުން ލައިގެން ކުޑަ ކާފު ބޮޑުކާފު ޖެއްސުވި ޒަމާން އަނބުރާ އިއާދަނުކުރެވޭނެ ކަމަށާއި އެކަން އެގޮތަށް ވިޔެދެވޭކަށްވެސް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވެފައިވަނީ، "ލާމަރުކަޒީ ނިޒާމުގެ މުޅި ބޭނުމަކީ ޑިމޮކްރެޓިކް އުސޫލުން ރަށްރަށާ އަތޮޅުތަކާ ސިޓީތައް ހިންގުން. އަލުން އަނބުރާ ގަބުޅި ކަތީބުން ލައްވައިގެން ކުޑަކާފު ބޮޑުކާފު ޖެއްސުވި ބޯދާ ޒަމާން ދެން އިއާދައެއް ނުކުރެވޭނެ" ކަމަށެވެ.
ފައްޔާޒް މިފަދައިން ވިދާޅުވީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގައި ހިމަނާފައިވާ ކަންކަމަށް ފާޑު ވިދާޅުވަމުންނެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ކައުންސިލްތަކުގެ އިޚްތިޔާރާއި ޤާނޫނީ ބާރުތައް ހަނިކުރުމަށް ގިނަ ބަދަލުތަކެއް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތައް ސަރުކާރުން ކަނޑައެޅުމާއި، އާމްދަނީ ހޯދުމުގެ ވަސީލަތްތައް ހަނިކުރުން ހިމެނެއެވެ. މިއީ ކައުންސިލްތަކުގެ މާލީ މިނިވަންކަން ނިގުޅައިގަތުމަށް ކުރެވޭ ކަމެއް ކަމަށް ފައްޔާޒް ފާހަގަކުރައްވައެވެ.
ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ގާނޫނު އިޞްލާޙު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަނެ، ރަށްރަށުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު މައި ސަރުކާރަށް ނެގުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލުގެ ސަބަބުން ކައުންސިލްތަކުގެ މިނިވަން ނިންމުންތައް ނިންމުމުގެ ބާރު ގެއްލި، ސަރުކާރުގެ ބާރުގެ ދަށަށް ކައުންސިލްތައް ގެނެވިގެންދާނެއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރަށް ބަރޯސާނުވެ ކަންކަން ނިންމުމަށް މާލީ މިނިވަންކަން ކައުންސިލްތަކަށް އޮންނަން ޖެހޭ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް، މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފައްޔާޒްގެ ޕޯސްޓުގައި ރައްޔިތުންގެ ބާރުވެރިކަން މައި ސަރުކާރަށް ނެގުމަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް ތެދުވެ ވަކާލާތު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބެވި އެންމެހާ ކައުންސިލަރުންނަށް ގޮވާލައްވާފައި ވެއެވެ.
ރިއެކްޓް



