ޚަބަރު

އެފްއައިޔޫ އިން އަޝްރަފް ވަކިކޮށް ވެރިއަކަށް ސާޖިދު އައްޔަންކޮށްފި

އޮގަސްޓް 3, 2025 - 16:30
 0
އެފްއައިޔޫ އިން އަޝްރަފް ވަކިކޮށް ވެރިއަކަށް ސާޖިދު އައްޔަންކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އައު ވެރިއެއްގެ ގޮތުގައި އިސްމާއިލް ސާޖިދު އައްޔަނުކޮށްފިއެވެ.

މި މަގާމުގައި މިހާތަނަށް ހުންނެވި އަބްދުﷲ އަޝްރަފް ވަނީ އެމްއެމްއޭގެ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސް ޑިޕާޓްމަންޓަށް ބަދަލުކުރެވިފައެވެ.

އެމްއެމްއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ބަދަލު ގެނެސްފައިވަނީ އެ އޮތޯރިޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިންނެވެ. މި ބަދަލު ޢަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އުފައްދާފައިވާ ޔުނިޓެކެވެ. މި ޔުނިޓުގެ އިސްވެރިން އައްޔަންކޮށް، ވަކިކުރުމުގެ ބާރު ލިބިގެންވަނީ އެމްއެމްއޭގެ ގަވަނަރަށެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އެމްއެމްއޭއިން މަރުހަބާ ކިޔާފައިވާއިރު، އެ އޮތޯރިޓީގެ ހިންގުން ހަރުދަނާކޮށް އެތެރޭގެ އޮނިގަނޑަށްވެސް ގެންނަމުންދަނީ އެކި ބަދަލުތަކެވެ.

މި އައު ބަދަލުތަކާއެކު، އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މާލީ ކުށްތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0