ޚަބަރު

ފާޑުކިޔުންތައް ބޮޑުވުމުން ހައިކޯޓުގެ ފަނޑިޔާރުކަން ބޭނުން ނުވާކަމަށް ޝަހީދު ވިދާޅުވެއްޖެ

އޮގަސްޓް 3, 2025 - 11:54
 0
ފާޑުކިޔުންތައް ބޮޑުވުމުން ހައިކޯޓުގެ ފަނޑިޔާރުކަން ބޭނުން ނުވާކަމަށް ޝަހީދު ވިދާޅުވެއްޖެ

ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވާން ފެށުމުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އައްޔަންކުރުމަށް ނިންމާފައިވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު، އެ މަޤާމް ދެން އިތުރަށް ބޭނުން ނުވާކަމަށް ބުނެ ޝަހީދު ޖޭއެސްސީއަށް ސިޓީއެއް ފޮނުވައިފައެވެ.

މި ސިޓީގައި ޝަހީދު ފާހަގަކުރައްވާފައިވާ ގޮތުގައި އޭނާއަކީ ސިޔާސީ މީހެއް ކަމަށް މިހާރުވެސް އެތައް ބަޔަކު ބުނަމުންދާއިރު ފަނޑިޔާރުގެއަށް އޭނާ އައްޔަންކުރުމުން ފަނޑިޔާރުގޭގެ މުސްތަޤިއްލުކަމާމެދު ޢާއްމުންގެ މެދުގައި ޝައްކުތައް އުފެދުމުގެ ޖާގަ ނުދެއްވުމަށް އެޕްލިކޭޝަން އަނބުރާ ގެންދިއުމަށް ނިންމެވި ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ހައިކޯޓަށް މުހައްމަދު ޝަހީދު އައްޔަންކުރުން ހުއްޓުވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލް އަހުމަދު ނައުޝާދު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އަދި މި މައްސަލަ ސިވިލް ކޯޓުން ވަނީ ބަލައިގަނެފައެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުއްވި އަހުމަދު ނައުޝާދަކީވެސް ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ.

މުހައްމަދު ޝަހީދުގެ މި ނިންމެވުމާއެކު، ހައިކޯޓުގެ ފަނޑިޔާރުކަމަށް އައު ބޭފުޅަކު ހޮވުމުގެ މަސައްކަތް ޖޭއެސްސީން އަލުން ކުރިއަށް ގެންދަންޖެހޭނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0