ހައި ކޯޓަށް ޝަހީދު އައްޔަންކުރުން ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިގެންފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަންކުރުން ހުއްޓުވުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަންފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ވަކީލް އަހުމަދު ނައުޝާދެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް މުހައްމަދު ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރުމަށް ނިންމާފައެވެ. މި ދެ ބޭފުޅުން ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޖޭއެސްސީން މި ދެ ބޭފުޅުން އައްޔަންކުރުމަށް ނިންމީ ޖުލައި 30 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ. އަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލްކުރައްވާފައިވާ، 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަމުގައި ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
މުހައްމަދު ޝަހީދަކީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވާފައެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން އަޅާނެ ފިޔަވަޅެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހުވާކުރުމުގެ ރަސްމިއްޔާތަށް މި މައްސަލައިގެ ސަބަބުން އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ރިއެކްޓް



