މިއަދުން ފެށިގެން ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް 2000 ޑޮލަރު ގަންނަން ލިބޭނެ: ބީއެމްއެލް

މިއަދުން ފެށިގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރާ ބަލިމީހުންނަށް 2،000 ޑޮލަރު ބޭންކް ރޭޓުގައި ގަންނަން ލިބޭނެ ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލްއިން މިކަން އިޢުލާނުކޮށްފައިވަނީ، އެންސްޕާ އަދި އާސަންދައިގެ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފުރާ ބަލިމީހުންނަށް 2،000 ޑޮލަރު ވިއްކުމަށް އަދި އެންސްޕާގެ އެހީ ލިބޭ ބަލިމީހުންނަށްވެސް 2،000 ޑޮލަރު ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައި ވަަނިކޮށެވެ.
އަދި އާސަންދަ އަދި އެންސްޕާގެ އެހީ ނުލިބޭ ބަލިމީހުންނަށްވެސް 1،000 ޑޮލަރު ވިއްކަމުންދާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. މި ނިންމުމަކީ ބޭސްފަރުވާގެ ކަންކަމުގައި ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ޑޮލަރު ވިއްކާ އަދަދު އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖުލައި މަހު އަންގަވާފައިވާ އެންގެވުމާ ގުޅިގެން އަންނަ ބަދަލެކެވެ.
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ޓޫރިޒަމް ވިޔަފާރިތަކުން ބޭންކްތަކަށް ވަކި އަދަދަކަށް ބޭރުފައިސާ މާރުކުރުން ލާޒިމްކޮށްފައިވެއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މި ފިޔަވަޅުތަކުގެ ހެޔޮ ބަދަލުތައް ރައްޔިތުންނަށް ފެންނަން ފަށާނެކަމަށެވެ.
މި ބަދަލާއެކު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް



