ދުނިޔެ

ރަޝިޔާގެ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު އެމެރިކާގެ ތިން ސަރަހައްދަކަށް

ޖުލައި 30, 2025 - 19:16
ޖުލައި 30, 2025 - 19:28
 0
ރަޝިޔާގެ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު އެމެރިކާގެ ތިން ސަރަހައްދަކަށް

ރަޝިޔާގެ އިރުމަތީ ކޮޅުގައިވާ ކަމްޗަޓްކާ ސަރަޙައްދަށް އައި ރެކޯޑް މިންވަރެއްގެ ބާރުގަދަ ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް އެމެރިކާގެ ހަވާއީ، ކެލިފޯނިއާ އަދި އެލަސްކާއަށް އަރައިފިއެވެ.

އެމެރިކާގެ ނޭޝަނަލް ވެދާ ސާވިސް (އެންޑަބްލިއުއެސް) އިން ހާމަކުރި ގޮތުގައި، ކެލިފޯނިއާގެ ސެން ފްރެންސިސްކޯއަށް ބުދަ ދުވަހުގެ ފަތިހު 1:12 (ޖީއެމްޓީ ގަޑިން 08:12) ގައި ސުނާމީގެ ރާޅުތައް އަރާފައިވެއެވެ. އަދި އެ ސްޓޭޓްގެ އެރީނާ ކޯވް ސަރަޙައްދަށްވެސް ސުނާމީގެ އަސަރުކޮށް، އެހެން ސަރަޙައްދުތަކަށް ފެތުރެމުންދާކަމަށް އެ ފަރާތުން ބުނެއެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރު (ޕީޓީޑަބްލިއުސީ) އިން މައުލޫމާތު ދިން ގޮތުގައި، ހަވާއީއަށް އަންގާރަ ދުވަހުގެ ރޭ 8:00 (ބުދަ ދުވަހުގެ ޖީއެމްޓީ ގަޑިން 06:00) ހާއިރު 1 އިން 1.2 މީޓަރު (3.3-3.9 ފޫޓު) އުސްމިނުގެ ރާޅުތައް އަރަން ފެށިއެވެ.

މި ސުނާމީ އުފެދިފައިވަނީ ރަޝިޔާގެ ކަމްޗަޓްކާ ސަރަޙައްދަށް ރެކްޓާ މިންގަނޑުން 8.8 ގެ ބާރުމިނުގައި އައި ބިންހެލުމަކާ ގުޅިގެންނެވެ. މި ބިންހެލުމުގެ ސަބަބުން ރަޝިޔާގެ ބައެއް ސަރަޙައްދުތަކަށް 4 މީޓަރު (13 ފޫޓު) އުސްމިނުގެ ރާޅު އަރައި، ބައެއް އިމާރާތްތައް ވަނީ ފެނު އަޑިއަށް ގޮސްފައެވެ.

އެލަސްކާގެ ނޭޝަނަލް ސުނާމީ ވޯނިން ސެންޓަރުގެ ކޯޑިނޭޓަރު ޑޭވް ސްނައިޑާ ވިދާޅުވި ގޮތުގައި، މި ސުނާމީގެ އަސަރު ގަޑިއިރުތަކަކަށް ނުވަތަ އެއް ދުވަހަށްވުރެ ގިނަ ދުވަހަށް ދެމިގެން ހިނގައިދާނެއެވެ. އަދި ކަނޑުގެ ރާޅުތައް އެކި ފަރާތްފަރާތަށް ދަތުރުކުރަމުން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0