ޚަބަރު

އެޗްޑީސީގެ އެމްޑީ އިސްތިއުފާ ދެއްވައިފި

ޖުލައި 30, 2025 - 12:20
 0
އެޗްޑީސީގެ އެމްޑީ އިސްތިއުފާ ދެއްވައިފި
މައުރޫފް ޖަމީލް -- ފޮޓޯ: ސޯޝަލްމީޑިއާ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މައުރޫފް އިސްތިއުފާ ދެއްވީ، ރިޓަޔާ ކުރައްވަން އެދިވަޑައިގަތް ނަމަވެސް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އިސްތިއުފާ ދެއްވުމަށް އެންގުމާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

އެޗްޑީސީ އުފެއްދިއިރު ވެސް އެ ކުންފުނި ހިންގުމުގައި އިސްކޮށް އުޅުއްވި މައުރޫފް، އަލުން ކުންފުނީގެ ވެރިޔަކަށް އައްޔަންކުރެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. މައުރޫފް ވަނީ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައި މި މަހުގެ ކުރީކޮޅު އެކަން ކުންފުނީގެ މުވައްޒަފުންނަށް އަންގަވައިފައެވެ. އޭނާ ކުރިން ނިންމަވާފައި އޮތީ އަންނަ މަހުގެ 18 އިން ފެށިގެން ރިޓަޔާ ކުރައްވާ ގޮތަށެވެ.

މައުރޫފްގެ އިސްތިއުފާ އައިސްފައިވަނީ ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް، މައުރޫފް ވަނީ އެޗްޑީސީގެ އެމްޑީގެ މަގާމުން ވަކިވެވަޑައިގެންނެވި ނަމަވެސް އެ ކުންފުނީގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ވިސްނުން ހުރި ކަމަށް ވިދާޅުވެފައެވެ.

މައުރޫފަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމަށް އަލަށް އައްޔަންކުރާނެ ފަރާތަކާ މެދު އެކި ނަންތައް ސޯޝަލް މީޑިއާގައި ފެތުރެމުންދާއިރު، އެންމެ ގިނައިން ފެތުރެމުންދަނީ މިހާރުގެ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ ނަމެވެ. އަދި ވެމްކޯގެ އެމްޑީ ކަމާއި ހަވާލުކުރާނީ ރީޖަނަލް އެއާޕޯޓްސް އިން އިސްތިއުފާދެއްވީ މުބީން ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0