ޕްރޮކިއުމަންޓް ނިޒާމު ސަރުކާރާއި ވަކިކޮށްލަން ޖެހޭ: ފައްޔާޒް

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ސަރުކާރާއި ވަކިކޮށްލަން ޖެހޭ ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެ.
ފައްޔާޒް މިފަދައިން ވިދާޅުވީ "ރީބޫޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު ހޯސްޓް ކުރެއްވި ޕޮޑްކާސްޓުގައި ފައްޔާޒް ވަނީ އެމަނިކުފާނު ރާއްޖެއާމެދު އަދި ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމާމެދު ގެންގުޅޭ ފަލްސާފާތައް ހިއްސާކުރައްވާފައެވެ.
އެގޮތުން ރާއްޖޭގައި ކޮންމެ ވެރިކަމެއްގައި ސަރުކާރަށް ކުރެވޭ ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ އިލްޒާމު އައުމުގެ ފުރުސަތު ކުޑަވެއްޖިއްޔާ ސަރުކާރަކުން ކުރަން ހުންނަ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.
"ވަރަށް ފަސޭހަވާނެ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރަން އެ އިލްޒާމުތައް ނާންނަ ކަމަށް. އަޅުގަނޑު މި ދަންނަވަނީ ދައުލަތުގެ ހުރިހާ ޕްރޮކިއުމަންޓެއް. އެއީ ކައުންސިލެއްގެ ޕްރޮކިއުމެންޓް ވިޔަސް މިނިސްޓްރީގެ ޕްރޮކިއުމެންޓް ވިޔަސް، ޖުޑިޝަރީގެ ޕްރޮކިއުމަންޓް ކަމަށް ވިޔަސް، މަޖިލީހުގެ ޕްރޮކިއުމަންޓް ކަމަށް ވިޔަސް، މުޅިން ވަކި މުއައްސަސާއަކުންނޭ އެކަން ކުރިއަށް ގެންދާނީ." ފައްޔާޒް ގެންގުޅުއްވާ ފަލްސަފާ ހާމަކުރައްވަމުން ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މިނިވަން މުވައްސަސާއިން ޕްރޮކިއުމަންޓް މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް އެކަން ދަނީ ޤާނޫނާ ޤާވާއިދުގެ ތެރެއިން ނޫންނަމަ އެ މުވައްސަސާއަކަށް ފިޔަވަޅު އެޅުމުގެ ބާރު ސަރުކާރަށް އޮންނަންވާނެ ކަމަށެވެ.
ފައްޔާޒްގެ ވާހަކަފުޅުގައި މިފަދަ މިނިވަން މުވައްސަސާތަކަށް މެންބަރުން އައްޔަން ކުރުމަށް ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ނިޒާމަށް ބަދަލު ގެންނަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރާ ކަމަށްވަންނާ... މިނިވަން މުވައްސަސާ... ވަކި ހާއްސަ މުވައްސަސާތަކުގެ ކޮމިޝަނަރު ނުވަތަ ކޮމިޝަނުގެ ބޭފުޅުން ވަކިކުރާ ކަމަށްވަންޏާ މިހާރުވެސް އެ އޮންނަ ގޮތަކަށް ރައްޔިތުންގެ. މަޖިލިސް... އެއީ ފުރަތަމަ ހަރުފަތް، ރައްޔިތުންގެ މަޖިލިސްގެ އެ އޮންނަ ގޮތަކަށް ތިން ބައި ކޮށްފަ ދެބައިން ވަކިކޮށްލަން ނިންމީމާ މަޖިލިސް އިން އެނިންމި ނިންމުން އެއީ ރަނގަޅު ނިންމުމެއްތޯ ނޫންތޯ ބަލަން ރައްޔިތުންނާ ހިސާބަށް ފެންނަ ނުފެންނަ ވޯޓަކަށް ދާންވީއޭ." ފައްޔާޒް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ފައްޔާޒް ވިދާޅުވީ މިނިވަން މުވައްސަސާތަކަށް މެންބަރުން އައްޔަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ބާރެއް ގޮތުގައި އޮންނަން ނުޖެހޭ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ މިނިވަން މުވައްސަސާތަކަކީ ސަރުކާރަށް ފާރަވެރިވާ ތަންތަނަށް ވާއިރު އެފަދަ މެންބަރުން ރައްޔިތުންގެ މަޖިލީހުން ސުޕަމެޖޯރިޓީން އެ މެންބަރުން ވަކިކުރެވޭ ގޮތަށް އޮތުމާއި ރައީސުލްޖުމްހޫރިއްޔާ އެ މެންބަރުން އައްޔަން ކުރަން އޮންނަ އޮތުން ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި މިކަމަށް ފައްޔާޒް ދެއްވި ޚިޔާލަކީ މިނިވަން މުވައްސަސާތަކުގެ މެންބަރުން އައްޔަން ކުރުމަށް އޮންނަ ޤަވާއިދެއްގެ ތެރެއިން މަޖިލީހުން އެކަން ކުރުމާއި މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ ގާތަށް ދާންޖެހޭ ގޮތަށް ބަދަލުކުރުމެވެ.
ރިއެކްޓް



