ޚަބަރު

ނަމާލް ރާޖަޕަކްސަ ރާއްޖޭގައި ހުންނަވަނިކޮށް ހައްޔަރުކުރަން އަމުރެއް

ޖުލައި 28, 2025 - 16:13
 0
ނަމާލް ރާޖަޕަކްސަ ރާއްޖޭގައި ހުންނަވަނިކޮށް ހައްޔަރުކުރަން އަމުރެއް
ސްރީލަންކާގެ ކުރީގެ ޔޫތް މިނިސްޓަރ ނަމާލް ރާޖަޕަކްސަ -- ފޮޓޯ: ސޯޝަލްމީޑިއާ

ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ މިއަދު ރާއްޖޭގައި ހުންނަވަނިކޮށް، އޭނާ ހައްޔަރުކުރުމަށް ލަންކާގެ ކޯޓަކުން އަމުރެއް ނެރެފިއެވެ.

މި އަމުރު ނެރުނީ ކޯޓަށް ހާޒިރުވުމަށް ކުރި އަމުރުތަކަށް ތަބާނުވުމާ ގުޅިގެންނެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަމާލް ރާއްޖެ ވަޑައިގެންފައިވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކާއާ އެއް ފްލައިޓެއްގައެވެ.

ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓް ޔޫއެލް ގައި ދަތުރުކުރެއްވި ނަމާލް ވަޑައިގެންފައިވަނީ ރާއްޖޭގައި އޮތް ކައިވެނި ހަފްލާއަކަށް ކަމަށް ބައެއް މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ސިޔާސީ ގިނަ ފަރާތްތަކާ ގާތް ގުޅުމެއް އޮންނަ ނަމާލްގެ މައްޗަށް ވަނީ މަނީ ލޯންޑްރިން އަދި ކޮރަޕްޝަނުގެ ތުހުމަތުތަކުގައި ދައުވާ އުފުލާފައެވެ. މި މައްސަލަތަކުގެ ތަހުގީގަށް އޭނާ ވަނީ ކުރިން ހައްޔަރުވެސް ކުރެވިފައެވެ. އަދި އޭނާގެ އާއިލާގެ އެތައް މެންބަރެއްގެ މައްޗަށްވެސް އެކި މައްސަލަތަކުގައި ބޮޑެތި ތުހުމަތުތައް ކުރެވި ދައުވާ އުފުލިފައިވެއެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ނަމާލް ވަނީ ލަންކާގެ ޕާލަމެންޓުގެ މެންބަރުކަންވެސް ކުރައްވާފައެވެ. އަދި އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނަމާލްއަށް ވަނީ މިހާރުގެ ރައީސް ޑިސެނަޔަކަ އަތުން ބަލިވެވަޑައިގަންނަވާފައެވެ.

ނަމާލް މިވަގުތު ރާއްޖޭގައި ހުންނެވުމާއެކު، ލަންކާގެ ކޯޓުން ނެރުނު ހައްޔަރު އަމުރާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާމެދު އެއްވެސް ފަރާތަކުން މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނާމަވެސް ފާހަގަކުރެވޭ ގޮތުގައި ރާއްޖެއާއި ސްރިލަންކާއިން ވަނީ ޖިނާޢީ މައްސަލަ ތަކުގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0