ބައި ޤަރުނަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ސަލީމަށް ޚާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް، މ. މާހުރާ، އަޙްމަދު ސަލީމަށް އަރުވައިފިއެވެ.
ބައި ޤަރުނަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ އަޙްމަދު ސަލީމް، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ރާއްޖޭގެ ޚާރިޖީ ދާއިރާގައެވެ. 1968 ވަނަ އަހަރުގެ ޖުލައި 7 ވަނަ ދުވަހު ޚާރިޖީ ދާއިރާއާ ގުޅިވަޑައިގެން، އެކި ފަހަރުމަތިން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވެއެވެ.
ސަލީމްގެ ފާހަގަކޮށްލެވޭ މަޤާމުތަކުގެ ތެރޭގައި، ޕާކިސްތާނަށް ކަނޑައެޅި ސަފީރުކަމާއި، ނޭޕާލަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރުކަން ހިމެނެއެވެ. އަދި ސާކްގެ ފުރަތަމަ ޑިރެކްޓަރުކަމާއި ސެކްރެޓަރީ ޖެނެރަލްކަން ފުރުއްވައި، ޖުމުލަ 5 އަހަރާއި 6 މަސްދުވަހު ސާކްގައި ޚިދުމަތް ކުރައްވާފައިވެއެވެ.
ޚާރިޖީ ވުޒާރާގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތަކާބެހޭ ބައިގެ އިސްވެރިޔާގެ މަޤާމު ދިގު މުއްދަތަކަށް ފުރުއްވި ސަލީމް، ގިނަ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ބޭރުގެ އެހީ ހޯއްދެވުމަށް މަސައްކަތް ކުރައްވާފައިވެއެވެ.
މީގެއިތުރުން، 2003 ވަނަ އަހަރު އުފެއްދެވި ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމާއި، 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީގެ ދަށުން އުފެއްދެވި ހިއުމަން ރައިޓްސް ކޮމިޝަނުގެ ފުރަތަމަ ރައީސްކަން ވެސް ސަލީމް ވަނީ ފުރުއްވާފައެވެ. އަދި އިމިގްރޭޝަން ކޮންޓްރޯލަރުކަމާއި، ޒުވާނުންނާއި އަންހެނުންގެ ކަންކަމާ ގުޅޭ ވުޒާރާތަކުގެ އިސް މަޤާމުތައްވެސް ފުރުއްވާފައިވެއެވެ.
ރިއެކްޓް



