ކުލަގަދަ ހަފްލާއަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލު ހުޅުވައިފި

ރާއްޖޭގައި ބޭއްވުނު އެންމެ ކުލަގަދަ ހަފްލާއަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލު. ހުޅުވައިފިއެވެ.
މި ޓާމިނަލް ހުޅުވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑްރޯން ޝޯއަކުން ރާއްޖެ އާއި މިނިވަންކަމާ ގުޅޭ އެކި މަންޒަރުތައް ދައްކާލާފައިވާއިރު މާލެ ވަށައިގެން 19 ދިމާލަކުން ހަވާ އަރުވާފައިވެއެވެ.
457 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި 2016 ވަނަ އަހަރު ފެށި މި މަޝްރޫޢުގެ ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފައެވެ. އަދި ހިދުމަތް ދިނުމުގައި ކުރީގެ ޓާމިނަލަށް ވުރެ 30 ޕަސެންޓަށް ވުރެ އަވަސްވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދޭން ފަށާނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކަށެވެ. އޭގެ ފަހުން މަޑުމަޑުން އެހެން އެއާލައިންތަކުގެ ބޯޓުތަކަށް ވެސް ހިދުމަތް ފުޅާ ކުރަމުން ގެންދާނެއެވެ. މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 34 އެއާލައިންގެ މަތިންދާބޯޓުތަކަށް ހިދުމަތް ދެމުންދާއިރު، އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް ހުރިހާ އެއާލައިނަކަށް ހިދުމަތް ދެވޭ ވަރުވުމަކީ އެމްއޭސީއެލްގެ އަމާޒެކެވެ.
ޓާމިނަލްގެ ބޭރުގައި ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒު ކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތައް ހިމެނެއެވެ. 12 ފޫޓުގެ އުސްމިނުގައި ހުންނަ މި ޓާމިނަލުން ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ފެންނަން ހުންނާނެއެވެ.
އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭނެ މި ޓާމިނަލްގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަނީ ސައުދީ ބިންލާދިން ގްރޫޕާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިން ކަމަށްވާއިރު، މަޝްރޫޢު އަވަސްކުރުމަށް އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓް އިން 40 މިލިއަން ޑޮލަރުގެ އިތުރު ލޯނެއް ވެސް ދީފައިވެއެވެ.
ރިއެކްޓް



