ހުރިހާ ކްލަބެއްގެ އިއްތިފާގުން އެފްއޭއެމްގެ ރައީސްކަމަށް ޓޮމް އިންތިހާބުކޮށްފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޡާރިޤް (ޓޮމް) މިއަދު އިންތިހާބުކޮށްފިއެވެ.
ޓޮމް ރައީސްކަމަށް ހޮވާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ކްލަބެއްގެ އިއްތިފާގުންނެވެ.
މިއަދު ބޭއްވުނު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، ޓޮމް ހުށަހެޅުއްވި ހިންގާ ކޮމިޓީވެސް ވަނީ އެންމެންގެ އިއްތިފާގުން ފާސްކޮށްފައެވެ. ޖޫން 26 ގައި ފާސްކުރެވުނު އަސާސީ ގަވާއިދުގެ ދަށުން ބޭއްވުނު މި އިންތިހާބުގައި ޓޮމްއާ ވާދަކުރި އެހެން އެއްވެސް ކެންޑިޑޭޓަކު ނެތެވެ. އޭނާގެ ކެންޑިޑެސީއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 23 ކްލަބުގެ ފުރިހަމަ ތާއީދު ލިބިފައިވެއެވެ.
ޓޮމްގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނެނީ ތިން ނައިބު ރައީސުންނެވެ. އެއީ ނިއުރޭޑިއަންޓްގެ މުޖުތަބާ ޖަލީލް، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ނިއުރޭޑިއަންޓްގެ ވައިސް ޗެއާމަން އަލީ އިބްރާހީމް، އަދި ކުރީގެ އެފްއޭއެމްގެ ނައިބު ރައީސް މާޒިޔާގެ ހުސައިން ޝާފިއު (ކޮއްކީ) އެވެ.
މީގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގައި ޓީސީގެ އަހުމަދު އައްބާސް، ބީޖީގެ އަލީ ރިޒްވާން، އޮޑި ސްޕޯޓްސް ކްލަބުގެ އަބްދުﷲ ނާސިހު، ކުރީގެ ގައުމީ ކީޕަރު އިމްރާން މުހައްމަދު އަދި ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު އުމޭރު ހިމެނެއެވެ. އަންހެން މެންބަރުންގެ ގޮތުގައި ހައްވާ ނަސްރާ ސައީދު އަދި ހައްވާ ރަޝީދާ ހިމެނިފައިވެއެވެ.
މި އިންތިހާބު ބޭއްވިފައިވަނީ ފީފާއިން ކުރީގެ ރައީސް ބައްސާމް އަދިލް ޖަލީލް ސަސްޕެންޑް ކުރުމާ ގުޅިގެން، ވޭތުވެދިޔަ އަހަރު އެފްއޭއެމް ހަވާލުކުރެވުނު ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވުނު މި އިންތިހާބާއެކު ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު މި މަހު ނިމުމަކަށް އަންނާނެއެވެ.
ރިއެކްޓް



