ޚަބަރު

ކޯސްޓް ގާޑުގެ އާ އިމާރާތް ހުޅުވައިދެއްވީ ރައީސްއާއި މޯދީ

ޖުލައި 26, 2025 - 08:04
 0
ކޯސްޓް ގާޑުގެ އާ އިމާރާތް ހުޅުވައިދެއްވީ ރައީސްއާއި މޯދީ
ރައީސް ޑރ. މުޢިއްޒު އަދި ނަރެންދްރަ މޯދީ -- ފޮޓޯ: ރައީސް އޮފީސް

ކޯސްޓް ގާޑުގެ އާ އިމާރާތް "ދޮށިމޭނާ" އިމާރާތް މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މި އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އަޅާފައިވާ މި އިމާރާތަކީ 10 ފަންގިފިލާގެ، ކޯސްޓް ގާޑުގެ ސިފައިންނަށް ހާއްސަކޮށްގެން އިމާރާތް ކޮށްފައިވާ ތަނެކެވެ. އިމާރާތް ހުޅުވައިދެއްވުމަށްފަހު، ދެ ލީޑަރުން ވަނީ އިމާރާތް ބައްލަވައިލައްވާފައެވެ.

އިމާރާތް ހުޅުވުމާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވަނީ، "މިއީ އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮތް ވަރުގަދަ އެއްބާރުލުމުގެ މިސާލެއް" ކަމަށެވެ.

މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރައީސް މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއަދު ހެނދުނު މޯދީ ރާއްޖެއަށް ވަޑައިގަތުމުން، ރައީސް ވަނީ އެއާޕޯޓުން މޯދީއަށް މަރުހަބާ ދަންނަވާފައެވެ. އަދި މެންދުރުފަހު ޖުމްހޫރީ މައިދާނުގައި ރަސްމީކޮށް މޯދީއަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.

މި ދަތުރުފުޅުގެ ތެރޭގައި ރާއްޖެއާއި އިންޑިއާއާ ދެމެދު 8 އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ. މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0