އިންޑިއާ އިން ރާއްޖެއަށް 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް

ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެލްއޯސީގެ އިތުރުން، އިންޑިއާ އިން ކުރިން ދީފައިވާ ލައިން އޮފް ކްރެޑިޓް ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިގޮތްތައް ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައިވެސް ދެ ގައުމުގެ ފަރާތުން ސޮއިކުރެއްވީ ޒަމީރާއި ޖައިޝަންކަރެވެ.
މީގެ އިތުރުން، ދެ ގައުމުގެ މެދުގައި އިތުރު ފަސް ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. އެގޮތުން މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިންނާއި، މޫސުމާއި ތިމާވެށީގެ ދާއިރާއިންނާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއިން އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. އަދި ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެނައުމަށް އިންޑިއަން ޕާމަކޯޕިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މީގެ އިތުރުން، އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖޭގައި ފެށުމަށް އެމްއެމްއޭއާ އެކު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ބޭއްވުނު ޖޮއިންޓް ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިންޑިއާ އިން ދޭ ލައިން އޮފް ކްރެޑިޓް ބޭނުން ކުރާނީ ރާއްޖޭގައި ކުރިއަށް ގެންދަން ހުރި މުހިންމު މަޝްރޫއުތަކަށް ކަމަށެވެ. އެގޮތުން ޑިފެންސްގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ހައުސިން މަޝްރޫއުތައް ހިންގުމަށް މި އެހީގެ ބޭނުން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރިއެކްޓް



