ޚަބަރު

ރާއްޖެ - އިންޑިއާ އެފްޓީއޭގެ ރަސްމީ މަޝްވަރާތައް ފަށައިފި

ޖުލައި 25, 2025 - 18:07
 0
ރާއްޖެ - އިންޑިއާ އެފްޓީއޭގެ ރަސްމީ މަޝްވަރާތައް ފަށައިފި
ރައީސް މުޢިއްޒު އަދި ނަރެންދުރަ މޯދީ -- ފޮޓޯ: ވިރާސީ

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް (އެފްޓީއޭ) ގާއިމުކުރުމަށްޓަކައި ރަސްމީ މަޝްވަރާތައް ފެށުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

އެފްޓީއޭގެ ރަސްމީ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައި އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރުއާއި ހަވާލުކުރެއްވީ ރާއްޖޭގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދުއެވެ.

އެފްޓީއޭގެ މަޝްވަރާތައް ފެށުމަށް ސަރުކާރުން ނިންމާފައިވާކަން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެފްޓީއޭގެ ދަށުން ދެ ގައުމުގެ މެދުގައި މުދަލާއި ޚިދުމަތްތައް އެތެރެކުރުމާއި ބޭރުކުރުމުގެ ކަންކަން ފަސޭހަވެގެންދާނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެ، އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުވެ، އަދި އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ބެލެވެއެވެ.

ރާއްޖެއާއި އިންޑިއާއަކީ އެތައް ޒަމާނެއް ވަންދެން ވިޔަފާރީގެ ބަދަހި ގުޅުމެއް އޮތް ދެ ގައުމެވެ. މި އެފްޓީއޭގެ ސަބަބުން މި ގުޅުން އިތުރަށް ހަރުދަނާވެ، ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0