އިންޑިއާގެ އެހީގައި އިމާރާތްކުރެވުނު 4000 ފްލެޓް ރާއްޖޭގެ ސަރުކާރާއި ރަސްމީކޮށް ހަވާލުކޮށްފި

އިންޑިއާގެ އެހީގައި ހުޅުމާލޭގައި އިމާރާތްކޮށް ނިމެމުންދާ ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓްގެ ތެރެއިން 3300 ފްލެޓް އިންޑިއާ ސަރުކާރުން ރާއްޖޭގެ ސަރުކާރާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ރައީސްއޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ 4000 ހައުސިންގ ޔުނިޓުގެ "ރަމްޒީ ތަޅުދަނޑި" ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލުކުރައްވައިފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަމުންދާ ދެ ދުވަހުގެ ދަތުރުފުޅުގައި، މިއަދު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ނިންމައި ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކުރެވުނެވެ. މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން 2021 ވަނަ އަހަރު ފެށުނު މަޝްރޫއެކެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރޭގައި ދެ ކޮޓަރީގެ 1200 ޔުނިޓާއި ތިން ކޮޓަރީގެ 2800 ޔުނިޓު ހިމެނެއެވެ. މި ފްލެޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ޖުލައި މަހުގެ ނިޔަލަށް ހުރިހާ ފްލެޓެއް ހައްގުވެރިންނާ ހަވާލުކޮށް ނިންމުމަށް ވަނީ ރޭވިފައެވެ. މި ފްލެޓްތަކަކީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މީގެއިތުރުން، މިއަދުގެ ރަސްމިއްޔާތުގައި އައްޑޫ މަގުހެދުމުގެ މަޝްރޫއު އަދި އެހެނިހެން ރަށްރަށުގައި ހިންގާފައިވާ އުމްރާނީ މަޝްރޫއުތައް ވެސް ބޮޑުވަޒީރު މޯދީ އިފްތިތާހުކުރެއްވިއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް 72 ހެވީ ވެހިކަލް ހަދިޔާކުރުމުގެ ރަސްމިއްޔާތު ވެސް ބޭއްވުނެވެ.
އަދި މީގެ އިތުރުން 5 ދާއިރާއަކުން ފަހުމުނާމާތަކެއްގައި ދެޤައުމުގެ ދެމެދުގައި ވަނީ ސޮއިކޮށްފައެވެ.
ރިއެކްޓް



