އައްޑޫ މަގު ހެދުމުގެ މަޝްރޫއު ނިންމައި ރަސްމީކޮށް ރާއްޖެ އާއި ހަވާލުކޮށްފި

އައްޑޫ މަގު ހެދުމުގެ ފުރިހަމަ މަޝްރޫއު ނިންމައި ރަސްމީކޮށް، އިންޑިއާ ސަރުކާރުން ރާއްޖޭގެ ސަރުކާރާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ.
އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުގެ އެފްކޮންސް އިން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫއު މިއަދު ވަނީ ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި ޖުމްލަ 111 ކިލޯމީޓަރުގެ މަގު ވަނީ ތަރައްގީ ކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި 106 ކިލޯމީޓަރުގެ ޑްރެއިނޭޖް ނިޒާމެއް ގާއިމުކުރުމާއި، 160 ކިލޯމީޓަރު ސަރަހައްދެއްގައި މަގު ބައްތި ހަރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 376 ސީސީޓީވީ ކެމެރާ ވަނީ ހަރުކޮށް، ބޭނުންކުރަން ފަށާފައެވެ.
މަޝްރޫއުގެ އެހެން މުހިންމު ބައިތަކުގެ ތެރޭގައި 41 ކިލޯމީޓަރުގެ ސަރަހައްދެއްގައި ނަރުދަމާ އަދި ފެނުގެ ނިޒާމުގެ ހޮޅިތައް ވަޅުލުމާއި، ހިތަދޫ، މަރަދޫ އަދި ހުޅުމީދޫގައި 38 ޕަމްޕިން ސްޓޭޝަން ގާއިމުކުރުން ހިމެނެއެވެ. މި މަސައްކަތްތަކަކީ އައްޑޫ ސިޓީގެ އަސާސީ ވަސީލަތްތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
މި މަޝްރޫއު ގެ އިތުރުން އައްޑޫ ސިޓީގައި އެފްކޮންސް އިން ހަންކެޑަ ބްރިޖް މަޝްރޫއު ގެ މަސައްކަތް ވެސް ކުރެއެވެ. މި ދެ މަޝްރޫއަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމާއި އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއުތަކެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ރިއެކްޓް



