ދެޤައުމުގެ ގުޅުމަށް 60 އަހަރު ފުރުނު ދުވަހު މޯދީ ރާއްޖެއަށް

ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ސިޔާދަތީ ގުޅުން ޤާއިމުކުރެވުނު ދުވަހަށް 60 އަހަރު ފުރުނު ދުވަހު ފުރަމާނަ ދަތުރުފުޅެއްގައި އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ.
ބޮޑުވަޒީރު މޯދީ ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މޯދީ ރާއްޖެއަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ ރާއްޖޭގެ މިނިވަން ދުވަހާއިވެސް ގުޅުވައިގެން ކުރެއްވި ދަތުރުފުޅެކެވެ. މޯދީގެ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އެގޮތުން ގިނަ ދާއިރާތަކަކުން ރައްޖެއާއި އެކު ގުޅުން ބަދަހި ކުރެއްވުމުގެ މަޝްވަރާތައް ކުރައްވާނެއެވެ. މީގެ ތެރޭގައި މަސްވެރިކަމާއި ސިއްޙީ ދާއިރާ އަދި ތިމާވެއްޓާއި ފަތުރުވެރިކަމާ ގުޅޭ އެއްބާރުލުންދިނުމުގެ މުހިއްމު މަޝްވަރާތައް ކުރައްވާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން އިންޑިއާ އާއި ރާއްޖެއާއި ދެމެދު އެކުލަވާލަން ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ރަސްމީކޮށް އިޢުލާންކުރައްވާނެކަމަށް ބެލެވެއެވެ.
ބޮޑުވަޒީރު މޯދީ ރާއްޖެއަށް މި ކުރެއްވި ދަތުރުފުޅަކީ 2 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތައް ރަސްމީކޮށް އިފްތިތާހު ކުރުމާއި ދެޤައުމުގެ ދެމެދުގައި ފަހުމުނާމަތަކުގައި ސޮއިކުރުން އޮންނާނެއެވެ.
މިއީ މޯދީ ރާއްޖެއަށް ކުރައްވާ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ވަޑައިގަތީ ކުރީގެ އިބްރާހިމް މުޙައްމަދު ސާލިހު ރައީސްކަމުގެ ހުވާކުރެއްވި ޖަލްސާގައި ބައިވެރިވެލެއްވުމަށެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ފުރަމާނަ ދަތުރުފުޅެއް މޯދީ ރާއްޖެ ކުރެއްވިއެވެ.
އިންޑިއާ އަކީ ރާއްޖެއާއި ސިޔާދަތީ ގުޅުން ޤާއިމުކުރުމުގެ ފަހުން ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާއެވެ. މިގޮތުން އިންޑިއާއިން ވަނީ ފާއިތުވީ 60 އަހަރުގައި ރާއްޖޭގެ ތަރައްޤީގެ ބޮޑު އިންސައްތައެއް ހިއްސާކޮށްފައެވެ.
ރިއެކްޓް



