ޚަބަރު

މިނިވަން ދުވަހާ ގުޅިގެން މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ކުރަނީ

ޖުލައި 24, 2025 - 18:15
 0
މިނިވަން ދުވަހާ ގުޅިގެން މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ކުރަނީ
މާލޭގެ މަގުމަތި -- ފޮޓޯ: ވިރާސީ

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަކި ވަގުތުތަކެއްގައި މަނާ ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މިނިވަން ދުވަހާ ގުޅިގެން ޖުލައި 25، 26 އަދި 27 ވަނަ ދުވަހު މާލެ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި މި ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި، ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް މި ނިންމުން ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ޖުލައި 25 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށް ބަރު އުޅަނދުގެ ތެރެއިން C0، C2، D، E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުން މަނާވާނެއެވެ.

 އަދި ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 3:00 އިން 6:30 އަށް ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ދުއްވުން މަނާވާނެއެވެ.

މީގެ އިތުރުން ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 6:00 އިން މެންދަމު 12:00 އަށް ބަރު އުޅަނދުގެ ތެރެއިން C0، C2، D، E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

ނަމަވެސް މި ދުވަސްތަކާއި ވަގުތުތަކުގައިވެސް ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް އާންމު އުސޫލުން ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0