ޚަބަރު

ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މިމަހު 28 ގައި ފަށަނީ

ޖުލައި 23, 2025 - 22:28
 0
ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މިމަހު 28 ގައި ފަށަނީ
ފޮޓޯ: ރައީސްއޮފީސް

ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މިމަހުގެ 28 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، އާރްޓީއެލް ފެރީގެ ޚިދުމަތަށް އަހުލުވެރިކުރުމުގެ ގޮތުން ޖުލައި 28 އިން އޮގަސްޓް 3 އަށް ހިލޭ ދަތުރުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން ބުނާ ގޮތުގައި ހިލޭ ދަތުރުތައް ނިމުމަށްފަހު، އޮގަސްޓް 4 އިން ފެށިގެން ޚިދުމަތް ކުރިއަށްދާނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ގަތުމަށް އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އާރްޓީއެލް ފެރީ ނެޓްވޯކްގެ ޒޯން 2 ގައި މިހާރުވެސް ޅ. އަތޮޅާއި ނ. އަތޮޅުގައި ޚިދުމަތް ދެމުން ގެންދެއެވެ. ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ޒޯން 2 ގެ އަތޮޅުތެރޭގެ ޚިދުމަތް ފުރިހަމަވެގެންދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ޒޯން 2 ގައި ހިމެނޭ ހަތަރު އަތޮޅު ގުޅުވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 11 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ލިބިގެންދާނެއެވެ. މި މަޝްރޫޢުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިއީ މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން 6 ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ޤައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިކުރުމާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ވެސް ފައިދާހުރި ނިޒާމެއް ޤާއިމްކުރުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0