ނައިބު ރައީސްގެ އަރިހަށް ސަޢޫދީ ސަފީރުގެ އިހްތިރާމުގެ ޒިޔާރަތެއް

ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަދި އުޚުވަތްތެރި ގުޅުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، "ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމާއި ދީލަތި އެހީގެ އަގު ވަޒަންކުރަނީ އިޚުލާސްތެރިކަމާއެކު"ކަމަށެވެ.
އަދި ނައިބު ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ އިތުރު ހެއްކެއް ކަމުގައި ފާހަގަކުރެވެއެވެ.
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއަކީ އެތައް އަހަރެއްގެ ދިގު ތާރީޚެއް އޮތް، އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުމެއް އޮތް ދެ ޤައުމެވެ. ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖޭގެ ތަރައްޤީއަށް އެތައް އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެވެއެވެ.
ރިއެކްޓް



