ޚަބަރު , ސިޔާސީ

ފޮއްދޫގެ ކަންކަމުގައި އައްބާސްގެ އެއްބާރުލުން ނުލިބޭ: ރައީސް

ޖުލައި 23, 2025 - 11:55
 0
ފޮއްދޫގެ ކަންކަމުގައި އައްބާސްގެ އެއްބާރުލުން ނުލިބޭ: ރައީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

ފޮއްދޫ ހިމެނޭ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް އެރަށުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ނުދީ ހުރަސް އަޅަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފޮއްދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފޮއްދޫގައި ކުރިޔަށް ގެންދާ ތަރައްގީގެ އެއްވެސް ކަމެއްގައި ދާއިރާގެ މެންބަރުގެ އެހީތެރިކަމެއް ނުލިބޭ ކަމަށާއި، ސަރުކާރުން އެރަށުގެ ތަރައްގީއަށް ކުރިޔަށްގެންދާ މަސައްކަތްތަކަށް ދާއިރާގެ މެންބަރު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ރައްޔިތުން އެދޭ ކަންކަން ފުރިހަމަކޮށްދީ، ހިދުމަތްކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ސަމާލުކަންދީގެން ވީހާވެސް އަވަހަށް ފުއްދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރުގެ އެހީތެރިކަމެއް ނުލިބޭކަން. ނުލިބޭތަނުގައި ކަންކަމަށް ހުރަސް އެޅުމަށް ކަންކަން ކުރަމުންދާކަން އަޅުގަނޑު ހިތާމައާއެކީ ފާހަގަކުރަން. އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުން އިންތިހާބުކޮށްފަ ހުންނަ މަންދޫބެއްކަމުގައިވާނަމަ ސިޔާސީ ހިޔާލުތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ހިދުމަތްކުރުމުގެ ކުރިމައްޗަށް ގެނެސްގެން ނުވާނެކަން،" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އެ މެންބަރުންގެ ދާއިރާގެ ކުރިއެރުމަށްޓަކައި ސަރުކާރުން ކުރާ އެއްވެސް ކަމަކަށް ހުރަސް ނާޅާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެމްޑީޕީ އެމްޕީންވެސް އެއްގޮތަކުން ރަނގަޅު. އެއީ އެބޭފުޅުން ނުބެހޭ ކަމަކާ، އެބޭފުޅުންގެ ދާއިރާގެ ކަމެއްގައި އަދި މިއަދާ ހަމައަށް އައިރުގަވެސް އަޅުގަނޑާ ހަމައަށް ނާދޭ އެއްވެސް ކަމެއްގައި. އެހެންވީމާ މާ ފަސޭހަ ކަންކަން ކުރަން،" ރައީސް ވިދާޅުވިއެވެ.

ފޮއްދޫ ހިމެނޭ ވެލިދޫ ދާއިރާގެ މެންބަރު އައްބާސްއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) ގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވީ މެންބަރެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރު ފެށުނު ދުވަސްކޮޅު އެމްޑީއޭއާއި ޕީއެންސީ ގުޅިގެން މަސައްކަތް ކުރި ނަމަވެސް މިފަހަކަށް އައިސް އެ ގުޅުން ހީނަރުވެފައިވާތަން ވަނީ ފެންނަން ފަށާފައެވެ. މިގޮތުން މަޖިލިސް ތަޅުމުގައި އެންމެ ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވާ އެއް މެންބަރަކީ އައްބާސް އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0