ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ރައީސް އަންގަވައިފި

ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ 806 ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމާބެހޭ ވުޒާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މި އަހަރުގެ މާރިޗް މަހުގެ ފަހުކޮޅު ހުޅުވާލި މި ފުރުސަތަށް 1،338 ދަރިވަރުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން 806 ދަރިވަރުން ވަނީ ޝަރުތު ހަމަވެފައެވެ. އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި ލޯނަށް އެދުނު ފަރާތްތަކުގެ ވަގުތީ ނަތީޖާ މިހާރު ވަނީ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.
މި ސްކީމުގެ ދަށުން ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭއިރު، ލޯނު ދޫކުރެވޭނީ 700،000 ރުފިޔާއަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ. އަދި މި ލޯނު ދޫކުރެވެނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށެވެ.
ނަތީޖާއާ ގުޅޭގޮތުން ޝަކުވާއެއް އޮތް ފަރާތްތަކަށް އޮގަސްޓް 3 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ވުޒާރާއަށް އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފައިވެއެވެ.
މީގެއިތުރުން، ރައީސް ޑރ. މުއިއްޒު ވަނީ ސްޓޫޑެންޓް ލޯނު އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މިހާރު ނަގަމުންދާ 1 ޕަސެންޓް ނުނެގުމަށް ނިންމަވާފައެވެ. މިއީ ދަރިވަރުންނަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ރިއެކްޓް



