ވިޔަފާރިތަކަށް އެމްއެމްއޭއިން ދޫކުރާ ޑޮލަރު 10 އިންސައްތަ އިތުރުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިޔަފާރި ބޭނުންތަކަށް ބޭންކުތަކަށް ދޫކުރާ ޔޫއެސް ޑޮލަރުގެ އިންސައްތަ 10 އިންސައްތައިން އިތުރުކުރަން ނިންމައިފިއެވެ. މި ބަދަލާއެކު އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރިތަކަށް ލިބޭ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެއެވެ.
މި ހަފުތާއިން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކު ތަކުން މިހާރު ވިއްކާ ޑޮލަރުގެ އަދަދު 40 އިންސައްތަ އަށް އިތުރުވެގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.
މި އަހަރުގެ ޖޫން މަހުން ފެށިގެން ބޭންކު ތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ ބޭރު ފައިސާގެ ނިސްބަތް 60 އިންސައްތަ އިން 90 އިންސައްތަ އަށް އިތުރުކުރި ނަމަވެސް، އިތުރުވި 30 އިންސައްތަ އަނބުރާ ބޭންކު ތަކަށް ކޮންމެ ހަފުތާއަކު ވިއްކަމުން ދާކަން އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. މި ފައިސާ ބޭނުންކުރަނީ އާންމުންގެ ޒަރޫރީ ބޭނުން ތަކަށާއި، ކާބޯތަކެތި އެތެރެކުރުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބޭނުންތަކަށެވެ.
އެމްއެމްއޭއިން ބުނާ ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ މިހާރަށްވުރެ ހަރުދަނާ އަދި ހަމަހަމަ އުސޫލަކުން ފޯރުކޮށްދިނުމެވެ. ފޮރިން އެކްސްޗޭންޖް ގާނޫނަށް ގެނައި ބަދަލާއެކު، މިހާރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކާ ޑޮލަރުގެ ނިސްބަތް 30 އިންސައްތައިގައި ހުރިއިރު، މި ނިސްބަތް 50 އިންސައްތައަށް އިތުރުކުރުމަކީ މަރުކަޒީ ބޭންކުގެ އަމާޒެކެވެ.
މި ބަދަލާއެކު ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ވިޔަފާރިވެރިން އުންމީދުކުރެއެވެ.
ރިއެކްޓް



