ޚަބަރު

މާޅެންދޫ ރައްޔިތުންނަށް ވީ ވައުދު ފުއްދުމަށް ހުރަސް އަޅަނީ ނ. އަތޮޅު ކައުންސިލުން: ރައީސް

ޖުލައި 22, 2025 - 17:05
 0
މާޅެންދޫ ރައްޔިތުންނަށް ވީ ވައުދު ފުއްދުމަށް ހުރަސް އަޅަނީ ނ. އަތޮޅު ކައުންސިލުން: ރައީސް
ރައީސް މުޢިއްޒު ނ. މާޅެންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް

ނ. މާޅެންދޫ އިހުތިސާސްގައި ނ. ތޮޅެންދޫ ހިމެނުމަށް ގާނޫނީ ހައްލެއް ހޯއްދަވާނެ ކަމަށާއި، އެކަމަށްޓަކައި އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށް ހުރަސް އަޅަމުންދަނީ ނ. އަތޮޅު ކައުންސިލުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ނ. މާޅެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު އެ ރަށުގއި ބޭއްވި ޖަލްސާގައެވެ.

"އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވާތީ މައްސަލަ ކުރިއަށްނުގޮސް އޮތީ. އެހެންކަމުން އެޓާނީ ޖެނެރަލަށް ދަންނަވައިފިން ގާނޫނީ ގޮތުން މަގެއް ހޯދުމަށް. ރައްޔިތުންނަށް މި ރަށް ހަވާލުކުރެވޭނެ ގޮތެއް ހޯދުމަށް އަތޮޅު ކައުންސިލުން މިކަމަށް ހުރަސް އަޅަމުންދަނީ،" ރައީސް ވިދާޅުވިއެވެ.

1992 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ނ. ތޮޅެންދޫ މީހުން އެ އަތޮޅު ކެނދިކުޅުދޫއަށް ބަދަލުވުމާ ގުޅިގެން، އެރަށަކީ ފަޅުރަށެއްގެ ގޮތުގައި އޭރުގެ ސަރުކާރުން ހަމަޖެއްސިއެވެ. އޭގެފަހުން، ޓޫރިޒަމްގެ ބޭނުމަށް ނ. އަތޮޅުގެ ގިނަ ރަށްތަކެއް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމުމާ ގުޅިގެން، އެކަން ހުއްޓުވައި ދިނުމަށް އެދި އެ އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ވެސް ތާއީދުކުރިއެވެ. މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކުރިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެރަށުގެ އިހުތިސާސްގައި ތޮޅެންދޫ ހިމެނުމަށް ރައްޔިތުން އެދުނު ނަމަވެސް، އެކަމަށް ހުރަސް އަޅަމުންދަނީ އަތޮޅު ކައުންސިލުންނެވެ. އެއީ ކޯޓު މަރުހަލާގައި އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ މައްސަލައެއް އޮތުމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0