ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓު އާއްމުކޮށްފި، އޮގަސްޓް 3 އާއި ހަމައަށް ޝަކުވާ ހުށަހެޅޭނެ

މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދޫކުރާ ލޯނު ސްކީމްގެ ދަށުން 2025 ވަނަ އަހަރަށް ކުރިމަތިލި ފަރާތްތަކުގެ ވަގުތީ ނަތީޖާ މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ އާންމުކޮށްފައެވެ.
މިނިސްޓްރީން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި އަހަރުގެ ލޯނު ސްކީމްގެ ދަށުން އެމްބީބީއެސް ކިޔެވުމަށް 53 ޖާގަ، ޕައިލެޓް ލައިސެންސް ހެދުމަށް 10 ޖާގަ އަދި ހައިލީ ޓެކްނިކަލް ދާއިރާއިން ރާއްޖެއިން ބޭރުގައި މާސްޓާސް ފެންވަރުގެ ކޯސްތައް ފުރިހަމަކުރުމަށް 72 ޖާގަ ވަނީ ކަނޑައަޅާފައެވެ.
ވަގުތީ ނަތީޖާ މިހާރު ވަނީ މިނިސްޓްރީގެ ވެބްސައިޓް mohe.gov.mv ގައި ޝާއިޢުކޮށްފައެވެ. އަދި ނަތީޖާއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ފަރާތްތަކަށް 3 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން loan.complaints@mohe.gov.mv އަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
https://mohe.gov.mv/announcements/view/778
މި ލޯނު ސްކީމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ދިވެހި ދަރިވަރުންނަށް ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ކޮންމެ އަހަރަކުވެސް ހިންގާ ޕްރޮގްރާމެކެވެ. މި ސްކީމްގެ ދަށުން ޚާއްސަކޮށް ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަންދީގެން ލޯނު ދޫކުރެއެވެ.
ރިއެކްޓް



