ޚަބަރު

މަނަދޫގައި އަޅާ 50 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅައިފި

ޖުލައި 22, 2025 - 11:46
 0
މަނަދޫގައި އަޅާ 50 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅައިފި
ހޮސްޕިޓަލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ނ. މަނަދޫގައި ގާއިމުކުރެވޭ 50 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢު ފައްޓަވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އެވެ.

މި މަޝްރޫއަކީ ރަށުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތްތައް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބި، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއެކެވެ.

ހޮސްޕިޓަލުގެ އިތުރުން މަނަދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށާފައެވެ. މި މަޝްރޫޢު ފައްޓަވައިދެއްވީ ފިޓްނަސް އެންޑް ރިކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. މި ސެންޓަރަކީ ރަށުގެ ޒުވާނުންނާއި އާންމު ރައްޔިތުންނަށް ކަސްރަތު ކުރުމާއި ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ލިބިގެންދާނެ ތަނެކެވެ.

މި ދެ މަޝްރޫއުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުބައިވެރިވެވަޑައިގެންނެވިއެވެ. މި ދެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ވަޑައިގެންނެވީ ނ. ލަންދޫއަށެވެ. އަދި އެއަށްފަހު ވަޑައިގަންނަވާނީ ނ. މާޅެންދޫއަށެވެ. މި ދަތުރުފުޅުގައި ނ. އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އަތޮޅުގެ ގިނަ ރަށްތަކެއްގައި އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ.

މި ދެ މަޝްރޫއުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަކީ، ސަރުކާރުން ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމާއި، ކުޅިވަރާއި ހަށިހެޔޮކަމަށް ދެއްވާ ޚާއްސަ ސަމާލުކަން ދައްކުވައިދޭ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0