އިންޑިއާއިން ރާއްޖެއަށް އިތުރު 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖައްސަނީ

އިންޑިއާއިން ރާއްޖެއަށް އިތުރު 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖެއްސުމަށް ނިމިފައިވާކަމަށް "ވިރާސީ" އަށް މަޢުލޫމާތު ލިބިއްޖެއެވެ.
ޚާރިޖީ ވުޒާރާގެ އޮފިޝަލަކު "ވިރާސީ" އަށް މަޢުލޫމާތު ދެމުން ބުނީ އިންޑިއާއިން ރާއްޖެއަށް 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރެވި ނިންމުމަކާ ހަމައަށް އައިސްފައިވާ ކަމަށާއި މި ނިންމުން ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށެވެ.
އަދި އެރޭންޖްމަންޓްގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖުލައި މަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ކަމަށްވެސް އޮފިޝަލް މަޢުލޫމާތު ދެއްވިއެވެ.
އިންޑިއާއަކީ ދިވެހިރާއްޖެއާއި ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ ޤައުމެކެވެ. ރައީސް މުޢިއްޒުގެ ވެރިކަމުގެ ކުރީކޮޅު އިންޑިއާއާއި އެކު އޮންނަ ގުޅުމަށް ހީނަރުކަމެއް އައި ނަމަވެސް މިހާރު އަލުން މި ގުޅުން ވަނީ ވަރުގަދަ ވެފައެވެ.
އިންޑިއާއާއެކު މިފަދަ މާލީ އެރޭންޖްމަންޓްތައް ހެދުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކޭކަން ފާހަގަކުރެވެއެވެ.
ދާދި ފަހުން ޚާރިޖީ ވުޒާރާއިން ވަނީ ރާއްޖޭގެ ބަޖެޓް ސާޕްލަސް ވެފައިވަނީ އިންޑިއާގެ ކަރަންސީ ސްވެޕްގެ ސަބަބުން ކަމަށް ބުނެފައެވެ.
މި އެރޭންޖްމަންޓާ ގުޅޭ އިތުރު ތަފްސީލްތައް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.
ރިއެކްޓް



