ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގު ގެ މަގާމު އަދި 5 އަހަރަށް އިތުރު ކުރުމަށް ފާސްކޮށްފި

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އަދި 5 އަހަރަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ފާސްކޮށްފި އެވެ.
އޭނާގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރު ކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައީސް މުއިއްޒުގެ ފަރާތުން މި މަހުގެ 14 ވަނަ ދުވަހު މަޖިލީހަށް ފޮނުއްވެވި ސިޓީފުޅެއްގައި ވަނީ އިތުރު ފަސް އަހަރަށް ނިއުމާތުގެ ދައުރު ދަންމާލުމަށް މަޖިލީހުން ފެންނަ ގޮތަކަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
ނިއުމާތުގެ މި ފަސް އަހަރުގެ ދައުރު ހަމަވަނީ މި މަހުގެ 23 ވަނަ ދުވަހަށެވެ. އޭނާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެވުނީ 23 ޖުލައި 2020 ވަނަ ދުވަހު އެވެ. އެއީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ގެ ވެރިކަމުގައެވެ.
ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ 2019 ވަނަ އަހަރުގެ ނޮވެންބަރު 20 ވަނަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 113 ވަނަ މާއްދާގެ ދަށުން އުފެދުނު މަގާމެކެވެ.
ރިއެކްޓް



