މާފަރު ސިއްހީ މަރުކަޒަށް 10.9 މިލިއަން، ކުޑަފަރީ ސިއްހީ މަރުކަޒަށް 27.6 މިލިއަން

ނ. މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި، އަދި ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އެމްޓީސީ އާއި ހަވާލުކޮށްފި އެވެ. މި ދެ މަޝްރޫޢުގެ ޖުމްލަ އަގު 38 މިލިއަން ރުފިޔާއަށް އަރައެވެ.
ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރި މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އަގަކީ 10.9 މިލިއަން ރުފިޔާ އެވެ. މި މަޝްރޫޢުގެ ދަށުން، ހަތަރު އެނދުގެ ވޯޑެއް އިތުރު ކުރުމާއި، ޕްރައިވެޓް ރޫމަކާއި ނާސް ސްޓޭޝަން، މީޓިން ހޯލަކާއި، ޕަބްލިކް ހެލްތު ޔުނިޓެއް ގާއިމުކުރެވޭނެއެވެ. އަދި މީގެ އިތުރުން، ޕޯޓިކޯއެއްވެސް ގާއިމްކުރެވޭނެއެވެ. މި މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީ އާއި ހަވާލުކުރި ކުޑަފަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތުގެ އަގަކީ 27.6 މިލިއަން ރުފިޔާ އެވެ. މި މަޝްރޫޢު ގާތްގަނޑަކަށް އެއް އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މާފަރު ސިއްހީ މަރުކަޒުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފެވެ.
ކުޑަފަރީ ސިއްހީ މަރުކަޒުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.
ރިއެކްޓް



