އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
މި ނިންމުމަކީ ބީއެމްއެލްއިން ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ހުށަހެޅި ދިރާސާ ކަރުދާހަށް މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެކެވެ.
ބީއެމްއެލްއިން ހުށަހަޅާފައިވާ ގޮތުގައި، އެސްޑީއެފްސީ ގަތުމަށްފަހު ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެލޯނު، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯނު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރުމަށް ވަނީ ރޭވިފައެވެ. މީގެއިތުރުން، ވިޔަފާރި ސްޓާޓްއަޕްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.
އެސްޑީއެފްސީ ބީއެމްއެލްގެ ދަށަށް ބަދަލުވުމަށްފަހު، އެ މުއައްސަސާ ހިންގުމަށް ވަނީ މުހިންމު ބަދަލުތަކެއް ގެނައުމަށް ރޭވިފައެވެ. މީގެ ތެރޭގައި އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި ހިންގުމާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.
ބީއެމްއެލްގެ ދަށުން ހިންގަމުންދާއިރުވެސް، އެސްޑީއެފްސީއިން ލޯނުތައް ދޫކުރަމުންދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށްވުރެ ބޮޑުނުވާ ގޮތަށެވެ. އަދި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، އެ ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށް މާލީ މުއާމަލާތްތައް ބައްޓަންކުރެވިގެންދާނެއެވެ.
މި ބަދަލާއެކު، ބީއެމްއެލްގެ ނެޓްވޯކް މެދުވެރިކޮށް މުޅި ރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގގެ ޚިދުމަތް ފުޅާވެގެންދާނެއެވެ. އަދި އެސްޑީއެފްސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، ލޯނު ޕްރޮސެސްކުރުން އަވަސްވެ، މުޅި މުއައްސަސާގެ ހަރުދަނާކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
ރިއެކްޓް



