މިނިސްޓަރު ސައީދުގެ ބައްޕަ ނިޔާވެއްޖެ

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ ބައްޕަ ސައީދު އަބްދުﷲ ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
މަރުހޫމް ސައީދު އަބްދުﷲ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވަޒީރު ސައީދަށާއި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. މިގޮތުން ރައީސް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވިނަރެސް / ހއ.ތުރާކުނު، ސައީދު އަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ.
މަރުހޫމް ސައީދު އަބްދުﷲ އަކީ ހއ. ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެކެވެ. "ސައީދު އަބްދުﷲ އަކީ ހުލްގު ހެޔޮ، ދީންވެރި، ހަރުދަނާ ޝަހްސިއްޔަތެއް" ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރައީސް ވަނީ މަރުހޫމްގެ އާއިލާއަށް ނުހަނު އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިއުމަތާއި ރަހްމަތުގައި މަރުހޫމް ސަޢީދު އަބްދުﷲ ލެހެއްޓެވުމަށް އެދި ދުއާ ދަންނަވާފައިވެއެވެ.
ރިއެކްޓް



