ޚަބަރު

ރައީސްގެ ދަރިކަލުުންގެ އަބުރަށް މަންދީ އަރައިގަތް: ސިވިލް ކޯޓު

ޖުލައި 20, 2025 - 14:37
ޖުލައި 20, 2025 - 14:56
 0
ރައީސްގެ ދަރިކަލުުންގެ އަބުރަށް މަންދީ އަރައިގަތް: ސިވިލް ކޯޓު
ފޮޓޯ: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒާ ގުޅުވައި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.

މި މައްސަލައިގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ސިވިލް ކޯޓާއި ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. މިގޮތުން ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، އެމްޑީޕީން މާރިޗް މަހު ބޭއްވި މުޒާހަރާތަކުގައި މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިވެ، އޭނާގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ކުރެއްވި ހުކުމުގައި ވިދާޅުވެފައިވަނީ، މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންގޮސްފައިވާކަން ސާބިތުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯއްދެވުމުގެ ހައްގު މެޑަމް ސާޖިދާއަށް ލިބިވަޑައިގަންނަވާ ކަމަށްވެސް ކަނޑައަޅުއްވާފައިވެއެވެ.

ނަމަވެސް، މި މައްސަލައިގައި އެމްޑީޕީއާއި ފައްޔާޒު ޒިންމާވާންޖެހޭކަން ނުވަތަ ނޫންކަން ނިންމޭނީ މުޅި މައްސަލަ ފުރިހަމައަށް ބެލުމަށްފަހުގައި ކަމަށް ގާޒީ ވަނީ ހުކުމުގައި ފާހަގަކުރައްވާފައެވެ. އަދި އާންމުކޮށް މާފަށް އެދުމަށް އެންގުމަކީ ރާއްޖޭގެ ގާނޫނުތަކުން ކޯޓުތަކަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށްވާތީ، އެކަމަށް އަމުރުކުރެވެން ނެތް ކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

އެމްޑީޕީގެ އެއްވުމެއްގައި މަންދީ ވަނީ ޒުވާނުން "ބިޑި އޮޅަން" ޖެއްސީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުންކުރަން ފެށުމުން ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާފައެވެ. މި މައްސަލައިގައި މެޑަމް ސާޖިދާ ވަނީ ގާނޫނުއަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ދަރިކަލަށް ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0