ޚަބަރު

ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނީ އަންނަ ހޯމަ ދުވަހު: އެފްޑީސީ

ޖުލައި 19, 2025 - 22:27
ޖުލައި 19, 2025 - 22:33
 0
ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނީ އަންނަ ހޯމަ ދުވަހު: އެފްޑީސީ
ފޮޓޯ: އެފްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނީ އަންނަ ހޯމަ ދުވަހު (21 ޖުލައި 2025) ގައި ކަމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައެވެ.

މި މަސައްކަތް ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށާއި ސޮއިކުރުމަށް ކަނޑައެޅޭ ސަރަހައްދުތަކުގެ މަޢުލޫމާތު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި، ހަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށާއި ޔުނިޓު ލިބޭ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވަންޖެހޭ ދުވަހާއި ގަޑި އަންގާނީ "ފަހި ޕޯޓަލް" މެދުވެރިކޮށް ކަމަށްވެސް އެފްޑީސީން ބުނެފައިވެއެވެ.

އެފްޑީސީން ބުނެފައިވާ ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވާއިރު، ކުއްޔަށްހިފާ ފަރާތާއި ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއަކާއި، ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލާއި ކޮޕީ، އަދި ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު ގެންނަން ޖެހޭނެއެވެ.

އެފްޑީސީން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ހަވާލުކުރެވޭއިރު، ހުރިހާ ޔުނިޓެއްގެ ފިނިޝިންގ މަސައްކަތްތައް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް، ކުލަ އަދި ފާޚާނާގެ ތަކެތި ހިމެނެއެވެ. "ދެމެހެއްޓެނިވި އިޖްތިމާޢީ ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ އެފްޑީސީގެ އެންމެ ބޮޑު އަމާޒު" ކަމަށް އެފްޑީސީން ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0