ނުރައްކާތެރިކޮށް ދުއްވުން ކުށެއް ގޮތަށް ކަނޑައެޅުމަށް ޤާނޫނުލް އުޤޫބާތަށް އިސްލާހެއް

ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެއް ގޮތަށް ކަނޑައެޅުމަށް ޤާނޫނުލް އުޤޫބާތަށް އިސްލާހު ގެނައުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފި އެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވިދާޅުވި ގޮތުގައި މި ބިލު ހުށަހެޅުއްވީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ އާންމު މިންގަނޑުތަކާ ޚިލާފަށް އަދި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭނެ މަގު ފަހިކުރުމަށެވެ.
ހުށަހެޅުއްވި ބިލުގައި، ޤާނޫނުލްއުޤޫބާތުގެ 121 ވަނަ މާއްދާގައިވާ "ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން" އަށް އިތުރު މާއްދާއެއް ހިމެނުމަށް ވަނީ ހުށަހަޅުއްވާފައެވެ.
މި އިސްލާހުގެ ދަށުން، ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާމެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ ކުށެއް ކަމުގައި ހިމަނާފައެވެ.
މީކާއިލް ވިދާޅުވި ގޮތުގައި މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ސަބަބަކީ، މިހާރުގެ ޤާނޫނުލްއުޤޫބާތުގެ 121 ވަނަ މާއްދާގެ (ށ) ގައި، މަގުމަތީގެ ގަވާއިދުތަކާ ޚިލާފަށް އަދި މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއް ނެތް ގޮތަށް އިންޖީނުލީ އުޅަނދުފަހަރު ދުއްވުމާ ބެހޭ ހާލަތް ހިމެނިފައި ނެތުމެވެ.
މި ބިލު ފާސްވެއްޖެނަމަ، ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތަކުގައި ޝާމިލުވާ ފަރާތްތަކާމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމަށާއި، އަދި މިފަދަ ހާދިސާތަކުގައި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ފަސޭހަވެގެންދާނެ ކަމަށް މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ.
މާލޭ ސަރަހައްދުގައި މި ފަހަކަށް އައިސް ވަނީ ނުރައްކާތެރިކޮށް ސައިކަލު, ކާރު ދެއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީހުންގެ ފުރާނަވެސް ގެއްލިފައެވެ.
ރިއެކްޓް



