ސީޕްލޭން ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރ. މާމުނަގާ ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދެއްވި ގޮތުގައި މި ޕްލެޓްފޯމް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ކާށިދޫ ކަނޑުތެރެއަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި ފަސިންޖަރުން މިކަމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.
ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ ރޭގަނޑުގެ ވަގުތުތަކުގައި މިފަދަ އެއްޗެއް ފެނުމަށް ދަތިވެދާނެތީއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެފައިވާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ. މޫސުމާބެހޭ ޤައުމީ މަރުކަޒުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ވައި ބާރުގަދަވެ، މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި އިތުރަށް ވައިބާރުގަދަވެ ކަނޑުތައް ގަދަވާނެއެވެ.
މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށް އެމްއެންޑީއެފްއިން ވަނީ ކަމާބެހޭ އިދާރާތަކާއެކު މަސައްކަތްތަކެއް ފަށާފައެވެ. އަދި އޮޔާދާ ޕްލެޓްފޯމް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ރިއެކްޓް



