މާރާމާރީ ހިންގި 18 އަހަރުގެ ދެ ޒުވާނަކު ހައްޔަރުކޮށްފި

ފިހާރައެއްގެ ތެރޭގައި މާރާމާރީ ހިންގި މައްސަލައެއްގައި 18 އަހަރުގެ ދެ ޒުވާނަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ ޒުވާނުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ ޒުވާނުން ބަންދުކުރުމަށް ނިންމާފައިވަނީ ތުހުމަތުކުރެވޭ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާތީއެވެ.
މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ބަޔާންތަކާއި ވީޑިއޯ ހެކިތަކުން، ޖަމާޢަތް ހަދައިގެން ފިހާރައެއްގެ ތެރޭގައި ހުރި މީހަކާ މެދު މާރާމާރީ ހިންގުމުގައި މި ދެ ޒުވާނުން ބައިވެރިވެފައިވާކަން ފާހަގަކުރެވޭ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މި ދެ ޒުވާނުން ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ކޯޓުން ނިންމާފައިވަނީ، ކުށުގެ ޢަމަލު ހިންގުމުގައި ގިނަ ބަޔަކު ބައިވެރިވެ، ޖަމާޢަތް ހަދައިގެން ކުށް ކޮށްފައިވާތީއާއި، ކުށުގެ ޢަމަލުގެ ބާވަތަށް ބަލާއިރު މީހަކަށް އަނިޔާއެއް ދިނުމުގެ ކުށެއް ކަމަށްވާތީއެވެ. އަދި މި ދެ ޒުވާނުންގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ކޯޓަށް ފެންނާތީކަމަށްވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ ޒުވާނުންގެ އިތުރު މަޢުލޫމާތެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ. އަދި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ކުރިއަށެވެ.
ރިއެކްޓް



