ޚަބަރު

ފްލެޓުތަކަށް ކުލި ނުދައްކާނަމަ ލޯނު ލިބުން ދަތިވާނެ: އެޗްޑީސީ

ޖުލައި 17, 2025 - 16:54
 0
ފްލެޓުތަކަށް ކުލި ނުދައްކާނަމަ ލޯނު ލިބުން ދަތިވާނެ: އެޗްޑީސީ
ހިޔާ ފްލެޓެއް -- ފޮޓޯ: ވިރާސީ

ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކަށް ރާއްޖޭގެ މާލީ އިދާރާތަކުން ލޯނު ލިބުން ކުރިއަށް އޮތް ދުވަސްތަކުގައި ދަތިވާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކާ ގޮތުގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" އަށް އަޕްލޯޑްކުރަން ފަށައިފިއެވެ.

މި ނިޒާމުގެ ދަށުން، ފްލެޓްތަކުގެ ކުލި ނުދައްކާ ފަރާތްތަކަށް އެހެން މާލީ އިދާރާތަކުން ކްރެޑިޓް ދޫކުރުމުގެ ކުރިން، ލޯނު ރީސްޓްރަކްޗަރ ކުރުމުގެ ކުރިން، ލޯނު އެއްބަސްވުން އާކުރުމުގެ ކުރިން އަދި ލޯނުގެ މުއްދަތު އިތުރުކުރުމުގެ ކުރިން ކުލި ދެއްކުމުގެ ހިސާބުތައް ބަލާނެއެވެ.

މި މަޢުލޫމާތު އެމްއެމްއޭގެ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި ހިމެނުމުން ފްލެޓްތަކުގެ ކުލި ނުދައްކާ ފަރާތްތަކުގެ ކްރެޑިޓް ރޭޓިންގ ދަށްވުމުގެ ފުރުސަތު އޮންނާނެއެވެ. 

އެޗްޑީސީން ބުނިގޮތުގައި ކުލީގެ ގޮތުގައި މިހާތަނަށް ނުލިބި ހުރި ފައިސާގެ އަދަދު 628 މިލިއަން ރުފިޔާއަށް އަރައެވެ. މިއީ ކުލީގެ ގޮތުގައި އެޗްޑީސީއަށް ނުލިބި ހުރި ޖުމްލަ ފައިސާގެ 70 އިންސައްތައެވެ.

މި ނިޒާމު ތައާރަފުކުރުމާއެކު، ފްލެޓްތަކުގެ ކުލި ގަވާއިދުން ނުދައްކާ ފަރާތްތަކަށް ބޭންކުތަކާއި މާލީ އިދާރާތަކުން އިތުރު ލޯނު ނުވަތަ ކްރެޑިޓް ފެސިލިޓީތައް ހޯދުމަށް ދަތިތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0