ޚަބަރު

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ޖުލައި 17, 2025 - 14:21
 0
މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
ފޮޓޯ: ވިރާސީ

މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހުދު ސަމާލެއް ނެރެފިއެވެ.

މި ސަމާލު ދެމި އޮންނާނީ މިއަދު އިރުއޮއްސުމާ ހަމައަށެވެ.

މެޓް އޮފީހުން އިއްޔެ ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ގުގުރުމުގެ އިތުރުން ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެފައިވެއެވެ.

މެޓް އޮފީހުގެ މަޢުލޫމާތުގައިވާ ގޮތުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ އަންގާފައެވެ.

ކަނޑުގެ ހާލަތާ ގުޅޭ ގޮތުން މެޓުން މަޢުލޫމާތު ދެމުން ބުނެފައިވަނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ އަންގާފައެވެ.

ދެކުނު އަތޮޅުތަކުގައި ކަނޑުގެ ރާޅުގެ އުސްމިން ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައި ހުންނާނެ ކަމަށާއި، މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުގެ ރާޅު ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް މެޓުން ވަނީ އަންގާފައެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0