ޚަބަރު

އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގެ ސްޕީކަރ ރައީސް މުޢިއްޒު އާއި ބައްދަލުކުރައްވައިފި

ޖުލައި 16, 2025 - 20:12
 0
އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގެ ސްޕީކަރ ރައީސް މުޢިއްޒު އާއި ބައްދަލުކުރައްވައިފި
ފޮޓޯ: ރައީސްއޮފީސް

އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވުނީ ލަންޑަންގެ ވެސްޓްމިންސްޓަރ ޕެލަސްގައި ހުންނަ، ސްޕީކަރޒް ހައުސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމުގެ މުހިންމުކަމާއި ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމުގައި ރައީސުލްޖުމްހޫރިއްޔގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.

ބައްދަލުކުރެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އޭގެފަހުން އެމަނިކުފާނު ވަނީ ޕެލަސް އޮފް ވެސްޓްމިންސްޓަރ ބައްލަވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށް ބެލެވެއެވެ. މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަކީ ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ހެއްކެކެވެ.

ރައީސް މުޢިއްޒު އިނގިރޭސި ވިލާތުގައި މުހިއްމު ބައްދަލުވުންތަކެއްގައި ބައިވެރިވެލެއްވުމަށް ފުރާވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0