ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމުން މިދިޔަ މަހު 25 މިލިއަނަށްވުރެ ގިނަ ރުފިޔާ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން 2025 ވަނަ އަހަރުގެ ޖޫން މަހު 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ. މީގެ ތެރޭގައި މާލެ ސަރަހއްދުގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން ހޯދާފައިވާ ފަރުވާތަކަށް ހަރަދުކޮށްފައިވާ 6.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ.
އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެންމެ ގިނަ ބަލިމީހުން ފަރުވާ ހޯދާފައިވަނީ ނޭވާލާ ނިޒާމުގެ ބަލިތަކަށެވެ. އެއީ 112 މީހުންނެވެ. ދެން އެންމެ ގިނައީ މައިބަދައާއި ނާރުގެ ބަލިތަކަށް ފަރުވާ ހޯދި 111 މީހުންނެވެ. މީގެއިތުރުން، ކަށީގެ ބަލިތަކަށް 104 މީހުން، އަދި ވިހެއުމާ ގުޅޭ ބަލިތަކަށް 99 މީހުން، އަދި ކެންސަރު ބައްޔަށް 99 މީހުން ފަރުވާ ހޯދާފައިވެއެވެ.
ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ތެރެއިން އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި އެންމެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ ކަށީގެ ބަލިތަކަށެވެ. އެއީ އޭޑީކޭ ހޮސްޕިޓަލުގައި 24 ކޭސް އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި 37 ކޭސް އެވެ. އެއަށް ފަހު، އޭޑީކޭ ހޮސްޕިޓަލުން އެންމެ ގިނައިން ފަރުވާ ހޯދައިފައި ވަނީ ހިތުގެ ބަލިތަކަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުން ދެން އެމެ ގިނައިން ފަރުވާ ހޯދައިފައިވަނީ ކުޑަކުދިންގެ ބަލިތަކަށެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން މީގެ ކުރިން ދެއްކިގޮތުގައި، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން 127 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި ޕްރޮގްރާމަކީ ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމެކެވެ.
ރިއެކްޓް



