ޚަބަރު

ރަހުމުކުޑަ މަރާއި ގުޅިގެން މާޅޮހުން މީހުން ފުރުން މަނާކޮށްފި

ޖުލައި 13, 2025 - 11:26
ޖުލައި 20, 2025 - 01:07
 0
ރަހުމުކުޑަ މަރާއި ގުޅިގެން މާޅޮހުން މީހުން ފުރުން މަނާކޮށްފި
އއ. މާޅުސް -- ފޮޓޯ:ރަންފަރު

އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު މަރާލުމާ ގުޅިގެން ފުލުހުންގެ ހުއްދައާއި ނުލައި އެރަށުން މީހުން ފުރުން މަނާކޮށްފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މަރާލާފައިވަނީ އެރަށު އޯކިޑްމާގޭ އަބްދުއްރަހުމާން (65 އަހަރު) އެވެ. އޭނާ މަރާލާފައިވަނީ ނިދާފައި އޮއްވައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، ރޭ ދަންވަރު 1:50 ހާއިރު ފުލުހުންނަށް މައްސަލަ ރިޕޯޓްކުރި އިރު، އެރަށު ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބިގެން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދިޔަ ކަމަށް މަޢުލޫމާތު ދެއްވިއެވެ.

އަދި އެ މީހާއަށް ފަރުވާ ދެމުންދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ޝައްކުކުރެވޭ މީހަކު ނެތްކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. އަދި މިވަގުތު އއ. ހިމަންދޫ، މަހިބަދޫ އަދި މާޅޮހު ފުލުހުންވެސް މި ހާދިސާއާ ގުޅިގެން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގަށް މާލެއިން ތަހުގީގު ޓީމެއް އެރަށަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އެރަށަށް އަރާފައިބާ މީހުން މޮނިޓަރކުރަމުންދާކަންވެސް ފުލުހުން ކަށަވަރުކޮށްދެއްވިއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0