ވަކީލުކުރުމަކީ ވަކީލުކޮށްފީމޭ ބުނެ ދެ އަތް އުރާލައިގެން ތިބުމެއް ނޫން: ހުތުބާ
މާތް اللهއަށް ވަކީލުކުރުމަކީ، ވަކީލުކޮށްފީމޭ ބުނެ ދެ އަތް އުރައިލައިގެން ހުރުމެއް ނޫން ކަމަށާއި، އެއީ ކަންކަން ކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު މާތް اللهގެ ޙަޟުރަތުން ރައްކާތެރިކަން ލިބޭނެކަން ޔަޤީންކޮށްގެން ހުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
'ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން' މި މައުޞޫއަށް މިއަދު ދިން ހުތުބާގައި ވަނީ ހިޖުރީ އައު އަހަރެއް ފެށިގެން އަންނައިރު، ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ހުތުބާގައި ބުނިގޮތުގައި ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، އެންމެ މާތްކަން ބޮޑު ހިޖުރައަކީ ތިބާގެ ވެރިރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްތައް ދޫކޮށްލުމެވެ. ހިޖުރައިގެ ދަތުރުފުޅަކީ ދީނަށްޓަކައި ވީ މަތިވެރި ޤުރުބާނީއެއްކަން ފާހަގަކޮށް، އުންމު ސަލަމާއާއި ޞުހައިބުއްރޫމީ ފަދަ ބޭކަލުން ދީނަށްޓަކައި އެބޭކަލުންގެ އާއިލާއާއި މުދާ ޤުރުބާންކުރެއްވި ގޮތުގެ މައްޗަށް ހުތުބާގައި ވާހަކަދައްކާފައިވެއެވެ.
ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެކަމެއް ފެށުމުގެ ކުރިން ފުރިހަމައަށް ރޭވުންކަން ހިޖުރައިގެ ދަތުރުފުޅުން ސާބިތުވާކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން އަބޫބަކުރުގެފާނު ހަތަރު މަސް ކުރިން ސަވާރީ ތައްޔާރުކުރެއްވުމާއި، ޢަލީގެފާނު ރަސޫލާ ﷺ ގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވުމާއި، އަސްމާ ބިންތި އަބޫބަކުރު ފަރިއްކޮޅު އެރުވުމުގައި ކުރެއްވި މަސައްކަތްޕުޅަކީ ފުރިހަމަ ރޭވުންތެރިކަމުގެ މިސާލުތަކެވެ. މިއީ ވަކީލުކުރުމުގެ މާނައަކީ ސަބަބުތަކުގައި ހިފުންކަން އަންގައިދޭ ކަމެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
ދަތި އުނދަގޫ ވަގުތުގައިވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއެކު ތިބޭނެކަން ހިޖުރައިގެ ޙާދިޘާއިން އެނގެއެވެ. ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި ވަގުތު މުޝްރިކުން ފެނިދާނެތީ އަބޫބަކުރުގެފާނު ކަންބޮޑުވެވަޑައިގަތުމުން، ރަސޫލާ ﷺ ދެއްވި ޖަވާބުން އެނގެނީ މާތް الله ގެ ނަޞްރާއި މެދު އޮތް ފުރިހަމަ ޔަޤީންކަމެވެ. މައްކާގައި ތޭރަ އަހަރު ވަންދެން ދީނަށް ގޮވައިލެއްވުމަށްފަހު، މަދީނާއަށް ހިޖުރަކުރެއްވުމަކީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު މަތިވެރި ފެށުމެވެ.
ހުތުބާ ނިންމާލަމުން ވަނީ، ހުރިހާ ވަގުތެއްގައިވެސް އިސްލާމްދީންމަތީގައި ތެދުވެރިކަމާއެކު ދެމިތިބުމަށް ޢަޒުމު ކަނޑައެޅުމަށް ގޮވާލާފައެވެ. އަދި އިސްލާމްދީނާ ޚިލާފަށް ކުރެވޭ ކަންކަން ދޫކޮށް، މާތް الله އާއި އެކަލާނގެ ރަސޫލާ ގެނެސްދެއްވި ތެދުމަގަށް ހިތުގެ ހިޖުރައެއް ކުރުމުގެ މުހިންމުކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.






ރިއެކްޓް