މެޑިކަލް ވެލްފެއަރ ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކުރަނީ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިހާތަނަށް ފޯރުކޮށްދެމުންދިޔަ މެޑިކަލް ވެލްފެއަރގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ބަދަލު ރަސްމީކޮށް ތަންފީޒުކުރަން ފަށާނީ މާދަމާ، ޖޫން އެކަކުން ފެށިގެންނެވެ.
ސަރުކާރުން މި ބަދަލު ގެނައުމަށް ނިންމީ ޞިއްޙީ އެހީތެރިކަން ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށެވެ. މިހާތަނަށް ޞިއްޙީ އެހީގެ ޚިދުމަތްތައް ދެ މުއައްސަސާއަކުން ދެމުންދިއުމުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރުމަކީ މި ނިންމުމުގެ މައިގަނޑު މަޤްޞަދެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މި ބަދަލާއެކު ޖޫން އެކަކުން ފެށިގެން އާސަންދައިގެ ދަށުން ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ބޭސްފަރުވާއާ ގުޅޭ ކަންކަމުގައި ރައްޔިތުންނަށް ދޭ ޚިދުމަތްތަކާއި، ޓެސްޓުތައް ހެދުމާއި، ޚާއްސަ މެޑިކަލް ޑިވައިސްތަކާ ގުޅޭ ޚިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ދޭ ސިއްޚީ ޚިދުމަތްތަކާއި، ރިފަރަލް އަދި އެމަޖެންސީ ބަލިމީހުންނަށް ދޭ ޚިދުމަތްތައް ވެސް ދެން ލިބޭނީ އާސަންދައިގެ ތެރެއިންނެވެ.
ޚާއްސަ ހާލަތްތަކުގައި ދޭ ޚިދުމަތްތައް ކަމަށްވާ ތެލެސީމިއާ ކުދިންނާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ފަރާތްތަކުގެ ފޮލޯއަޕްގެ އިތުރުން، އަމިއްލަ ބޭސްފަރުވާއަށް ބޭރަށްދާ މީހުންނަށް ދޭ އެހީތެރިކަން ވެސް މި ބަދަލުގެ ތެރޭގައި ހިމެނިފައިވެއެވެ.
މިކަމާ ގުޅޭގޮތުން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މި ބަދަލުގެ ސަބަބުން ޚިދުމަތް ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. "މިގޮތަށް ބަދަލުވުމުން އެއްތަނަކުން މީހުންގެ މައުލޫމާތުވެސް ބެލެހެއްޓިގެންދާނެ އަދި ފޯރުކޮށްދެވޭ އެހީތެރިކަން މާ ސާފުކޮށް އޮޅުން ފިލައިގެންދާނެ. އަޅުގަނޑު އުއްމީދުކުރަނީ، އާންމު ރައްޔިތުންނަށް މި ގެނައި ބަދަލަކީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށް،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދެން ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ އެހީތެރިކަން އެއް އެޕްލިކޭޝަނެއްގެ ތެރެއިން އަދި "އެއް ފުރާޅެއްގެ ދަށުން" ލިބިގެންދާނެއެވެ. މިހާރު އެންސްޕާއަށް އެހީއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ވެސް ޖޫން އެކަކުން ފެށިގެން ޖަވާބު ދެމުންދާނީ އާސަންދަ ކުންފުނިން ކަމަށާއި، މި ޚިދުމަތްތަކާ ގުޅޭ ހުރިހާ މަޢުލޫމާތެއް ދެން ފޯރުކޮށްދޭނީ ވެސް އާސަންދައިން ކަމަށް ސަރުކާރުން ބުނެއެވެ.
ރިއެކްޓް
ރަނގަޅު
0
ސަކަރާތް
0
ލޯބި
0
މަޖާ
1





