ގަމުގައި ކަރަންޓުގައި ޖެހުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
ލ. ގަމުގައި ރޭގެ ވަގުތެއްގައި ކަރަންޓުގައި ޖެހިގެން އަނިޔާވި ކުޑަކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، ގަމުގައި ކުޑަކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 11:00 ޖެހި ފަހުންނެވެ. މި ހާދިސާ ހިނގުމާއެކު އެ ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް ކުއްޖާގެ ހާލަތަށް ބަލައި އިތުރު ފަރުވާ ބޭނުންވާތީ، މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.
އެ ކުއްޖާ ކަރަންޓުގައި ޖެހުނީ އީދު ކުޅިވަރު ބޭއްވުމަށް ތަނަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. ކަރަންޓުގައި ޖެހުމާއެކު އެ ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ވިދާޅުވީ "މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުން" ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާއިރު، ކުއްޖާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.






ރިއެކްޓް