ސްޕާކް ހަބްގެ 'ލީން ސްޓާޓަޕް ލެބް' މެލޭޝިއާގައި ކާމިޔާބުކަމާއެކު ބާއްވައިފި
ދިވެހިރާއްޖޭގެ ސްޓާޓަޕް އިކޯސިސްޓަމް ބިނާކުރުމަށް މަސައްކަތްކުރާ ސްޕާކް ހަބުން، އެ ކުންފުނީގެ މަގުބޫލު 'ލީން ސްޓާޓަޕް ލެބް' ބޫޓްކޭމްޕް މެލޭޝިއާގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މެލޭޝިއާގެ
އޭޝިއާ ޕެސިފިކް ޔުނިވާސިޓީ (އޭޕީޔޫ) އާއި އެ ޔުނިވާސިޓީގެ މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަނާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ 48 ގަޑިއިރަށް ދެމިގެންދިޔަ އިންޓެންސިވް ޕްރޮގްރާމެކެވެ.
މޭ 23 އިން 26 އަށް ކުރިއަށްދިޔަ މި ބޫޓްކޭމްޕްގައި މެލޭޝިއާގެ މަޝްހޫރު ހަތަރު ޔުނިވާސިޓީއެއް ކަމަށްވާ އޭޕީޔޫ، ސަންވޭ ޔުނިވާސިޓީ، ޓޭލާސް ޔުނިވާސިޓީ އަދި މޮނާޝް ޔުނިވާސިޓީން ޖުމްލަ 30 ދަރިވަރުން ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ 28 ދިވެހި ދަރިވަރުންނާއި ބޭރުގެ 2 ދަރިވަރުންނެވެ. މިއީ ސްޕާކް ހަބްގެ މި ޕްރޮގްރާމް ރާއްޖެއިން ބޭރުގައި ބޭއްވި ދެވަނަ ފަހަރެވެ.
މި ޕްރޮގްރާމްގެ ލީޑް ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ތަޖުރިބާކާރު ލީން-ސާޓިފައިޑް ޓްރެއިނަރެއް ކަމަށްވާ ދާނިޝް އާތިފެވެ. އޭނާ ވަނީ ވިޔަފާރީގެ އަމަލީ މައިދާނުގައި ކުރިމަތިވާނެ ގޮންޖެހުންތަކާއި ޕްރެޝަރު ތަޖުރިބާކުރެވޭނެ ފަދަ ގޮތަކަށް ވޯކްޝޮޕް ކުރިއަށް ގެންގޮސްފައެވެ. ބައިވެރިންނަށް ދަސްކޮށްދީފައިވަނީ ހައްލަކާ މެދު ވިސްނުމުގެ ކުރިން، ކަސްޓަމަރުންގެ ހަގީގީ ބޭނުންތަކާއި މައްސަލަތައް ދެނެގަނެ އެކަންކަން ކަށަވަރުކުރާނެ ގޮތެވެ.
ސްޕާކް ހަބްގެ ކޯ-ފައުންޑަރ އަދި ސީއީއޯ ހުސައިން ޖިނާން ވިދާޅުވީ، "މި އަހަރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އަޅުގަނޑުމެންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މައިދާނަށް ނެރުމަށް. ރާއްޖޭގައި މަރުކަޒުވެފައިވީ ނަމަވެސް، އަޅުގަނޑުމެން ބޭނުންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ސްޓާޓަޕް އިކޯސިސްޓަމްތަކަށް މި ޕްރޮގްރާމްތަކުގެ ފައިދާ ފޯރުކޮށްދިނުމަށް،" ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ހަރަކާތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުމަށް ރާވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި އަބްދުﷲ ޝަފީއު (އަބޯ) ވަނީ 'އަކުރު ޓައިޕް' ގެ ކޭސް ސްޓަޑީއެއް ހުށަހަޅައިދީ، ލީން މެތޮޑޮލޮޖީ އަމަލީ ގޮތުން ބޭނުންކުރާނެ ގޮތް ކިޔައިދީފައެވެ. މީގެ އިތުރުން ޝާފިއު ހުސައިން ވަނީ އޭއައި ޓޫލްތައް ބޭނުންކޮށްގެން އަވަސްކަމާއެކު ޕްރޮޓޯޓައިޕް ތައްޔާރުކުރާނެ ގޮތުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ރާއްޖޭގެ ތަޖުރިބާކާރު މެންޓަރުން ކަމަށްވާ އަހުމަދު ރިޝްވާން، މަހްފޫޒް އަލީ، އަފްރާހް، ޔާމީން އަދި އައިޝާ އަދުނާން ބައިވެރިވެ ދަރިވަރުންނަށް އިރުޝާދު ދީފައިވެއެވެ.
އޭޕީޔޫގެ މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަންގެ ރައީސް ޒީދާން ޒައީމް ފާހަގަކުރެއްވި ގޮތުގައި، މިއީ އާންމުކޮށް ބާއްވާ ކުޅިވަރު ނުވަތަ ސަގާފީ ހަރަކާތްތަކާ ހިލާފަށް، ދަރިވަރުންގެ ވިސްނުމަށް ބޮޑު ބަދަލެއް ގެނުވި، މުޅި އުމުރަށް ބޭނުންކުރެވޭނެ ހުނަރުތަކެއް ދަސްވި ޕްރޮގްރާމެކެވެ. މިއީ ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެއްގެ ގޮތުގައި ސްޕާކް ހަބުން ސިފަކުރެއެވެ.






ރިއެކްޓް