ބަލިތައް ފެތުރުން އިތުރުވެއްޖެ ބަންދުތެރޭ ސަމާލުވޭ!
ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ރާއްޖޭގައި ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނިގޮތުގައި މި ދުވަސްވަރު ޑެންގޫ، އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ހިމަބިހީގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އީދު ބަންދަކީ ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުކުރުން އިތުރުވާނެ ދުވަސްވަރަކަށް ވެފައި، ގޭގެއަށް ޒިޔާރަތްކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވާނެތީ ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. "ހުން އައުމާ ނޭވާލާ ނިޒާމުގެ އެއްވެސް ބައްޔެއްގެ އަލާމަތް ފެންނަނަމަ ބޭރަށް ނުނިކުތުމަށާއި ހަރަކާތްތަކުގައި ބައިވެރިނުވުމަށް އިލްތިމާސްކުރަން،" އެ ބަޔާނުގައި ބުނެފައިވެއެވެ.
ބަލިތަކުން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭއިން ވަނީ ބައެއް މުހިންމު އިރުޝާދުތައް ދީފައެވެ. އޭގެ ތެރޭގައި ހުން އައިސް ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ގޭގައި މަޑުކުރުމާއި، އާންމު އެއްވުންތަކަށް ނުދިއުމާއި، ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން ހިމެނެއެވެ. އަދި ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އަލާމާތް ހުރިނަމަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ވެސް ވަނީ އެދިފައެވެ.
މީގެ އިތުރުން، މަދިރިން ރައްކާތެރިވުމަށްޓަކައި މަދިރި ލޯޝަން ބޭނުންކުރުމާއި، ހަށިގަނޑު ނިވާވާފަދަ ހެދުން އެޅުމުގެ އިތުރުން މަދިރި އާލާވާ ތަންތަން ނައްތާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުމުގެ މުހިންމުކަން ވެސް އެ އެޖެންސީން ފާހަގަކުރިއެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހި (މީސަލްސް) ގެ ކޭސްތަކެއް މާލެ ސަރަހައްދުން ފެނިފައިވާތީ، އެކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އެދެއެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި މި ބައްޔަށް ޝައްކުކުރެވޭ ފަރާތްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން މިހާތަނަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ހިމަބިހަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށް ވަނީ އަންގާފައެވެ.
މިފަހަރުގެ އީދު ބަންދާ ދިމާކޮށް މާލެއާއި އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ރާވާފައިވާއިރު، ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުމަކީ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.






ރިއެކްޓް