ޚަބަރު , ސިޔާސީ

މިސްކިތްތަކުގައި ނަމާދު ކުރާއިރު ބޭރަށް ނީވޭ ގޮތަށް 'އަޑު ކަނޑާލަން' ސަރުކާރުން އަންގައިފި

24 މޭ 2026 - 15:22
 2
މިސްކިތްތަކުގައި ނަމާދު ކުރާއިރު ބޭރަށް ނީވޭ ގޮތަށް 'އަޑު ކަނޑާލަން' ސަރުކާރުން އަންގައިފި

މާލޭގެ މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ސްޕީކަރުތަކުގެ އަޑު ކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން އިމާމުންނަށް އަންގާފައިވާ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ. ޝެއިހް ނިޝާން މިކަން ހާމަކުރެއްވީ އޭނާގެ ފޭސްބުކް މެދުވެރިކޮށް ދެއްވި ޚާއްސަ މެސެޖެއްގައެވެ.

ޝެއިހް ނިޝާން ވިދާޅުވި ގޮތުގައި، އިސްލާމިކް މިނިސްޓްރީއަށް އިމާމުން ގެންގޮސް މިސްކިތްތަކުގެ ނަމާދުކުރާ އަޑު ބޭރަށް ހުންނަ ސްޕީކަރުތަކުން ކަނޑާލުމަށް ވަނީ އަންގާފައެވެ. މިކަމުގެ ސަބަބުން ރޭގެ މަޣުރިބު ނަމާދާއި އިޝާ ނަމާދުގައި މާލޭގެ ބޮޑެތި މިސްކިތްތަކުން ވެސް ބޭރަށް އެއްވެސް ވަރަކަށް އަޑު އިވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް އޭސީ ކޮށްފައި ހުންނަ މިސްކިތްތަކުގެ ދޮރުތައް ބަންދުކޮށްފައި ހުންނައިރު، ބޭރުގައި ތިބޭ މީހުންނަށް ނަމާދު ފެށިކަން ވެސް ނޭނގޭ ކަމަށް ޝެއިހް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާކަން ފާހަގަކުރައްވައި ޝެއިހް ވިދާޅުވީ، "މިސްކިތުގެ ބޭރު ފާރު ހިސާބަށް އައިއިރު ވެސް ނަމާދު ފެށި ކަމެއް ނޭނގޭ. އަޅުގަނޑު ހީކުރީ މައްސަލައެއް ޖެހުނީ ކަމަށް. އެކަމަކު މިސްކިތަށް ވަދެ ދޮރު ހުޅުވާލި ހިސާބުން މި އަޑުއިވެނީ އޭރު އަލްޙަމްދު ނިމިގެން އަނެއް ސޫރަ ފަށައިގެންގޮސް ކިޔަވަމުންދިޔައީ،" ކަމަށެވެ.

https://web.facebook.com/share/v/1L3WenD9Df/

ޝެއިހް ނިޝާން އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މުސްލިމް މުޖުތަމައެއްގައި ނަމާދުގެ އަޑު އިވުމަކީ އިސްލާމީ ޝިއާރު ފާޅުކުރުމުގެ މަތިވެރި ކަމެކެވެ. ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގައި ވެސް މިސްކިތުގެ ބޭރަށް ނަމާދުކުރާ އަޑާއި ހުކުރު ހުތުބާގެ އަޑު އިވޭކަމުގެ ސައްހަ ދަލީލުތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މީހުންނަށް އުނދަގޫވާ ކަމުގެ ބަހަނާގައި މި އަޑުތައް ކަނޑާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ޝެއިހް ވަނީ ސަރުކާރަށާއި އިސްލާމިކް މިނިސްޓްރީއަށް މި ނިންމުން އިސްލާހުކޮށް، މިސްކިތްތަކުގެ އަޑު ކަނޑާނުލައި ކުރިއެކޭ ވެސް އެއްގޮތަށް ބޭރަށް އަޑު އިވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އިލްތިމާސެއް ކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 12
ލޯބި ލޯބި 0
މަޖާ މަޖާ 0